ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރަން ނިންމާ އިއުލާން ކުރި 4،000 ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ލިސްޓަށް މިހާތަނަށް 1،500 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ހައުސިން މިނިސްޓްރީޫން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި ފްލެޓް ލިސްޓާ ގުޅިގެން އެ މިނިސްޓްރީއަށް ވަނީ 1،575 ޝަކުވާ ލިބިފަ އެވެ.
މިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ގިނައީ ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ ލިސްޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމެންޓް ލިސްޓަށް 1،176 ޝަކުވާ ހުށަހަޅާފައިވާއިރު ދެ ކޮޓަރީގެ އެޕާޓްމެންޓް ލިސްޓަށް ހުށަހަޅާފައިވަނީ 399 ޝަކުވާ އެވެ. މީގެ އިތުރުން މުޅި ފްލެޓް ލިސްޓާ ގުޅިގެން މިހާތަނަށް 2،843 ޝަކުވާ ލިބިފައިވާކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާޗު މަހުގެ 1 ވަނަ ދުވަހު ހުޅުވާލިއިރު ޝަކުވާ ހުށަހެޅުމުގެ ސުން ގަޑިއަކަށް އޭރު ދީފައިވަނީ މާޗު 31 ވަނަ ދުވަހެވެ. ނަމަވެސް މިހާރު ހައުސިން މިނިސްޓްރީން ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން އާންމު ކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި މިވަގުތު ތިބީ 1،820 މީހުންނެވެ. އެއީ ކުރީ ސަރުކާރުން މި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުކަމަށް ބުނެ ނެރުނު ލިސްޓު އަލުން ބެލުމުން އެ ލިސްޓުގައި ތިބި ޝަރުތު ހަމަނުވާ މީހުންނާއި ޕޮއިންޓަށް ބަދަލު އައުމުން އުނިކުރި މީހުން އުނި ކުރުމަށް ފަހު ލިސްޓުގައި ބާކީ ތިބި މީހުންނެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ 4،000 ފްލެޓުގެ ބާކީ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާނީ ބާކީ 15،000 ފޯމްތައް ޗެކް ކުރުމަށް ފަހު ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އާންމު ކުރީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.
ހައުސިން މިނިސްޓްރީ ބޯހިޔާވަހިކަން ފްލެޓް މައްސަލަ ގެދޮރުވެރިޔާ ސްކީމް