ތުލުސްދޫ ޕޮލިސް ސްޓޭޝަން ހިންގަމުންދާ ބިމުގެ ކުއްޔާއި އެގްރިމެންޓާ ގުޅޭ މައްސަލަ ހައްލު ނުކޮށްފިނަމަ، 15 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށް ތުލުސްދޫ ކައުންސިލުން ނޯޓިސް ދީފި އެވެ.
މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ދައްކަންޖެހޭ ކުލި ނުދައްކައި، އެގްރިމެންޓުގައި ސޮއިނުކޮށް 2 އަހަރު ވެފައިވާތީ އެޅި ފިޔަވަޅެކެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވި ގޮތުގައި، 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެގްރިމެންޓުގައި ސޮއިނުކޮށްފިނަމަ، 3 މަސްދުވަހުގެ ތެރޭގައި އިމާރާތް ހުސްކުރުމަށް އިތުރު ނޯޓިސްއެއް ދެވޭނެ އެވެ. ”އަޅުގަނޑުމެންގެ މަޤްޞަދަކީ ފުލުހުން އެތަނުން ނެރުމެއް ނޫން. އަސްލު ބޭނުންވަނީ ޑަބްލިއުޑީސީއަށް ދޭންޖެހޭ ފައިސާ ދިނުން،“ އަސްލަމް ވިދާޅުވިއެވެ.
ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޕޮލިސް ސްޓޭޝަންގެ އިމާރާތް އެއްވެސް ވަރަކަށް މަރާމާތުކޮށްފައި ނުވާކަން ކައުންސިލުން ފާހަގަކުރެ އެވެ. އިމާރާތް އެންމެ ފުރަތަމަ ހަވާލުކުރިއިރުވެސް މަރާމާތުކުރުމަށް ފުލުހުން އެއްބަސްވެފައިވާއިރު، ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އެގްރިމެންޓާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ކައުންސިލުން ބުނެ އެވެ.
ގިނަ ރަށްރަށުގައި ފުލުހުންގެ އިދާރާތައް ހިންގަމުން އަންނަނީ ކައުންސިލްގެ އިމާރާތްތަކުގަ އެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ރަށްރަށުގައި ފުލުހުންގެ އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވީނަމަވެސް، އެ މަސައްކަތް މިވަގުތު ވަނީ ހުއްޓިފަ އެވެ.
