ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އިންތިހާބުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖޭއެސްސީގެ މެންބަރު ކަމަށް ހުސްނީ މުބާރިކް އައްޔަނުކުރެއްވީ މިއަދު އެވެ.
ޖޭއެސްސީން މިއަދު ވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމަށް ހުސްނީ މުބާރިކް އިންތިހާބު ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
ހުސްނީ މުބާރިކް ޖޭއެސްސީއަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާފައިވާ މެންބަރުކަމުން 25 އޮކްޓޫބަރު ގައި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޖޭއެސްސީން ރިޒާ އިސްތިއުފާ ދެންނެވިއިރު، ހުންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމުގަ އެވެ.
ޖޭއެސްސީގައި މިހާރު ތިއްބެވީ:
- ކޮމިޝަނުގެ ނާއިބުރައީސް ؛ ޔަޒްމީދު މުޙައްމަދު – ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރު
- އަބްދުއްރަޙީމް އަބްދުﷲ – ރައްޔިތުންގެ މަޖިލީހުގެ ރައީސް
- އަލްއުސްތާޛު ހުސައިން ޝަހީދު – އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
- އަލްއުސްތާޛު މުހައްމަދު ނިޔާޒް – ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
- އަލްއުސްތާޛު ފަރުހާދު ރަޝީދު – ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު
- އަލްއުސްތާޛު އަޙްމަދު އުޝާމް – ބަންޑާރަނައިބު
- މުޙައްމަދު މުޖްތާޒް – ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް
- އަލްއުސްތާޛު އަލީ އަބްދުއްލަތީފް – ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެންބަރު
- އިދްރީސް ފައުޒީ – ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު
މެންބަރު ހުސްނީ މުބާރަކް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
