ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ) ހުށަހެޅި ރިކޮމެންޑޭޝަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަންފީޒުކުރަން ފަށްޓަވާފައިވާތީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ޝުކުރު އަދާ ކުރައްވައިފި އެވެ.
ރައީސް މުއިއްޒު މިކަން ތަންފީޒުކުރެއްވުމަކީ މަޖިލީހުގެ އިހްތިރާމާއި ބާރުވެރިކަމަށް ރައީސް އިހްތިރާމް ކުރެއްވުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލާގެ ތުހުމަތުގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަހްމޫދު ރިޔާޒާއި އަބްދުﷲ ވަހީދު މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ ދެ ބޭފުޅުން ވަކިކުރީ ”ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ ގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ވަގަށް އެތަނުން ނެރުނު މައްސަލައާ ގުޅިގެން، މަޖިލީހުގެ ކޮމެޓީން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށް ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނެގި ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނާޒިމް ވަނީ މިކަމާ ގުޅިގެން ވާހަކަ ދައްކަވާފަ އެވެ.
”މީގެ ދެ ދުވަހެއް ކުރިން އަޅުގަނޑުމެން މަޖިލީހުން ފާސްކޮށްފައި ފޮނުވި 241 ކޮމިޓީގެ ރިޕޯޓްގެ ކަންތައްތައް ތަންފީޒުވަމުންދާ ތަން އަޅުގަނޑުމެންނަށް މިއޮތީ ފެނިފައި. އެ ރިޕޯޓްގައި އޮންނާނެ ސިއްރު ޗެޕްޓާއެއް. ޗެޕްޓާ ހައެއް. ނިންމުން ހައެއް. އަޅުގަނޑުމެން ފޮނުވީ ސީދާ ރައީސުލްޖުމްހޫރިއްޔާއަަށް. ރައީސުލްޖުމްހޫރިއްޔާ މިއަދު މިވަނީ ކަސްޓަމްސްގެ، ރައީސުލްޖުމްހޫރިއްޔާއަށް ވަކި ކުރެއްވެން އޮތް ބޭފުޅުން ގާނޫނާ އެއްގޮތަށް ވަކިކުރައްވާފައި،“ ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ އެއީ މަޖިލީހަށް އޮތް ވަރަށް އުފާވެރި ހަބަރެއް ކަމަށާއި، މަޖިލީހުގެ ކޮމިޓީތަކުން ނިންމާ ނިންމުންތައް ރައީސް ތަންފީޒު ކުރައްވާނެކަން މިހާރު އެނގޭ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ 241 ކޮމެޓީން ދިރާސާކޮށްފައިވާ ދެ މައްސަލައަކާ ގުޅިގެން، މަޖިލީހުން ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް ގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ވަކިކޮށްފައިވާ ކަމަށެވެ. އަދި ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން، ކަސްޓަމްސްއިން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ވެސް ކަސްޓަމްސްއަށް އަންގާފައިވާ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
241 ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ކަސްޓަމްސް
