އަންގާރަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރު، ގައުމުގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ހިނގި ފޭރުމުގެ ހާދިސާއަކީ ފާޅުކަން ބޮޑު ގޮތެއްގައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް ހާދިސާ އެކެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ އަތުން ބޭރު ފައިސާ ހުރި ސޫޓްކޭސްއެއް ފޭރިގަތީ ވަޅި ހިފައިގެން ތިބި މޫނު ނިވާކުރި ދެ މީހެކެވެ. މި ހާދިސާ ހިނގާފައިވަނީ ބީއެމްއެލްގެ މުވައްޒަފުން ޓާމިނަލް 2 އާއި ޓާމިނަލް 1 އާ ދެމެދު ފައިސާ ބަދަލުކުރަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ފޭރުމުގައި ބައިވެރިވި ދެ މީހުން އެއާޕޯޓަށް އައިސްފައިވަނީ ކާރެއްގަ އެވެ. އަދި ދެ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގައި ބީއެމްއެލް މުވައްޒަފުންނަށް ވަޅިން ބިރުދައްކައިގެން ސޫޓްކޭސް ފޭރިގަތުމަށްފަހު އެއާޕޯޓުން އެމީހުން ފިލީ ލޯންޗެއް ބޭނުންކޮށްގެން ކަނޑުމަގުންނެވެ. ފޭރިގަތް ސޫޓްކޭސްގައި 100,000 އެމެރިކާ ޑޮލަރާއި އެހެނިހެން ބޭރު ފައިސާ ހުރިކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. މި ފައިސާއަކީ ޓާމިނަލް 1 ގައި ހުންނަ ބީއެމްއެލްގެ ކައުންޓަރަށް، ފައިސާ ބަދަލުކުރުމުގެ ހިދުމަތް ދިނުމަށް ގެންދިޔަ ފައިސާ އެވެ.
މިފަދަ ބޮޑު ފޭރުމެއް ގައުމުގެ މައި އެއާޕޯޓްގައި ހިންގައިލެވުމަކީ އެތަނުގެ ސަލާމަތީ ނިޒާމުގައި ހުރި ބާގަނޑުތަކެއް ފާޅުކޮށްދިން ކަމެކެވެ. އެންމެ ބޮޑު ސުވާލު އުފެދިގެން ދިޔައީ، ވަޅި ހިފައިގެން ތިބި މީހުންނަށް އެއަރޕޯޓްގެ ދެ ޓާމިނަލް ގުޅުވާލައި ވޯކްވޭއަށް މޫނު ނިވާކޮށްގެން ތިބެ ވަދެ، ދުރާލާ ރޭވިގެންކަމަށް ތުހުމަތު ކުރެވޭ ވަރުގެ ބޮޑު ފޭރުމެއް ހިންގާ އެއާޕޯޓުން ފިލައިގެން ދިޔައީ ކިހިނެއްތޯ އެވެ. އަދި މިގޮތަށް ފައިސާ ބަދަލު ކުރާއިރު ބޭންކުގެ މުވައްޒަފުންނާއެކު އެއްވެސް ސެކިއުރިޓީއެއް ނެތީތޯވެސް ސުވާލު އުފެދެ އެވެ.

ފުލުހުން ބުނީ ފައިސާ ބަދަލުކުރުމަށް ބީއެމްއެލް އިން ފުލުހުންގެ ރައްކާތެރިކަމަށް އެދިފައިނުވާ ކަމަށެވެ. އާންމުކޮށް މާލެއާއި ހުޅުމާލޭގައި ބީއެމްއެލްގެ ފައިސާ ބަދަލުކުރުމުގެ ކަންކަމުގައި ފުލުހުންގެ ރައްކާތެރިކަމަށް އެދުމުން އެ ހިދުމަތް ފުލުހުން ފޯރުކޯށްދެ އެވެ. ނަމަވެސް އެދުވަހުގެ ފަތިހު އެއާޕޯޓުގައި އެފަދަ ރައްކާތެރިކަމެއް ހަމަޖެހިފައި ނެތީ ކީއްވެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ. ބައެއް ފަރާތްތަކުން ވަނީ މިއީ ދުރާލާ ރޭވިގެން ބީއެމްއެލްގެ ތެރެއިން މައުލޫމާތު ދީގެން ހިންގި އަމަލެއްކަމަށް ބުނެފަ އެވެ. މިކަމުގެ ސަބަބުން، ވީއައިއޭގެ ސެކިއުރިޓީ އާއި، ބީއެމްއެލްގެ އުސޫލުތަކާ މެދު އާންމުންގެ ކަންބޮޑުވުން އުފެދިފައިވެ އެވެ.
ވީއައިއޭގެ ޓާމިނަލް 2 އިން ޓާމިނަލް 1 އަށް ދާ ވޯކްވޭއަށް ވަންނަތާ ކައިރީގައި އޮންނަ މަގު ހުރަސް ކައިރީ ސެކިއުރިޓީން ތިބެ އެވެ. އަދި ޓާމިނަލް 1 ގެ ބޭރުގައިވެސް ސެކިއުރިޓީން ތިބެ އެވެ. އަދި އެއާޕޯޓަކީ ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން އެމްއޭސީއެލްގެ ސެކިއުރިޓީއާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްވެސް ހަރަކާތްތެރިވާ ތަނެކެވެ.
މި ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ ފުލުހުންނަށް ރިޕޯޓްކުރުމާއެކު، ފުލުހުން ވަނީ ހާދިސާގެ ތަހުގީގު ފަށާފަ އެވެ. ފުލުހުން ވަނީ ތުހުމަތުކުރެވޭ މީހުން ފިލިކަމަށް ބެލެވޭ ލޯންޗު ކ. ހުރާ އިން ހޯދާފަ އެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި 4 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރު ކުރީ ސީދާ ފޭރުމުގެ ތުހުމަތުގައި ކަމެއް ނުވަތަ ފޭރުނު މީހުން ފިލުމަށް އެހީތެރިކަން ދިނުމުންކަމެއް ނުވަތަ އެކަން ރާވައި ހިންގުމުގައި ބައިވެރިވުމުން ކަމެއް ފުލުހުން ނުބުނެ އެވެ.

ހައްޔަރުކުރެވުނު މީހުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. ފުލުހުން މިހާރު ދަނީ ކ. ހުރާގައި ތަހުގީގު ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހައްޔަރު ކުރެވުނު މީހުން ގޮވައިގެން އެރަށުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފަ އެވެ. މީގެ އިތުރުން އެރަށުގެ ބައެއް ފަރާތްތަކުން ވަނީ އެ 4 މީހުން އެރަށަށް ގޮސް ތިބި ގެސްޓްހައުސްކަމަށް ބުނާ ތަނުގެ ވެރިމީހާ އާ ހަވާލާދީ އެ މީހުން އެ ގެސްޓްހައުސްގައި ޑޮލަރު ގެންގުޅެ ގުނާތަން ސީސީޓީވީ ފުޓޭޖަށް އަރާފައިވާކަމަށް ބުނެފަ އެވެ.
ވީއައިއޭގައި ހިންގި މި ފޭރުމުގެ ހާދިސާއަކީ ގައުމީ ސަލާމަތާއި، މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. ބޮޑެތި އަދަދުގެ ފައިސާ ބަދަލުކުރުމުގައި ބޭންކާއި ފުލުހުންގެ މެދުގައި އެކަށީގެންވާ ރައްކާތެރިކަމުގެ އިންތިޒާމްތައް ނެތްކަން މި ހާދިސާއިން ހާމަވެގެން ދިޔަ އެވެ. ފުލުހުންގެ ތަހުގީގު ކުރިއަށްދާއިރު، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެއަރޕޯޓްގެ ސަލާމަތީ ނިޒާމާއި، މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.
ބީއެމްއެލް އެމްއޭސީއެލް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސްކޮމް) ވައްކަމާއި ފޭރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިވެހި ފުލުހުންގެ ޚިދުމަތް
