ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 3 ޕާޓީއެއްގައި 3،000 މެންބަރުން ހަމަނުވާކަން އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީއެއް ހިންގޭނީ 3،000 މެންބަރުން އެ ޕާޓީއެއްގައި ރަޖިސްޓާވެފައިވާނަމަ އެވެ.
އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 3،000 މެންބަރުން ހަމަނުވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އާއި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގައި ތިބީ 2،822 މެންބަރުންނެވެ. އެ ޕާޓީ އުވާނުލާ ހިންގުމަށްޓަކައި 178 މެންބަރުން އިތުރަށް ބޭނުންވާނެ އެވެ. ޕީއެންއެފްއަކީ އޭޕްރިލް 25. 2024 ގައި ރަޖިސްޓާކޮށްގެން ހިންގަމުންދާ ސިޔާސީ ޕާޓީ އެކެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންވާ އުފެއްދެވި އެމްއާރްއެމްގައި ތިބީ 1،867 މެންބަރުންނެވެ. އެމްއާރްއެމް އުވާލުމުގެ މަސައްކަތް އީސީން މިހާރު ކުރަމުންދާކަމަށް މައުލޫމާތު ލިބެ އެވެ. އެމްއާރްއެމް އުވާލައިފިނަމަ މިއީ ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެއް އުވާލި ދެވަނަ ފަހަރަށް ވާނެ އެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ވަނީ 2023 ވަނަ އަހަރު އުވާލާފަ އެވެ. އޭގެ ފަހުން އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން މިހާރު ވަނީ ނިންމާފަ އެވެ. ޕީޕީއެމްގައި މިވަގުތު ތިބީ 12،174 މެންބަރުންނެވެ. އެމްއާރްއެމްއަކީ ނޮވެމްބަރު 20، 2019 ގައި ވުޖޫދުވި ޕާޓީ އެކެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އިސްވެ ހުންނަވާ އުފެއްދެވި އެމްޓީޑީގައި މިވަގުތު ތިބީ 2،359 މެންބަރުންނެވެ. އެމްޓީޑީއަކީ ޑިސެމްބަރު 27، 2018 ގައި އުފެދުނު ސިޔާސީ ޕާޓީ އެކެވެ.
މިހާތަނަށް އީސީން ވަނީ 2 ޕާޓީއެއް އުވާލާފަ އެވެ. އެއީ ޑީއާރްޕީ އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އެވެ.
ރައީސް އަބްދުﷲ ޔާމީން ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ޕީއެންއެފް ޕީޕީއެމް