ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް އެ ޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރިމަތިލައްވައިފި އެވެ.
ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުގައި އެ ޕާޓީ އުފެދުނީއްސުރެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް އެވެ. ނަމަވެސް ހަސަން ލަތީފް ވަނީ ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު އެ ޕާޓީ ދޫކޮށްލައްވާ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އިމްތިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މަޤާމަށް ކުރިމަތިލެއްވުމާ ގުޅިގެން ޕާޓީގެ ތަރުޖަމާނުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އެންމެހާ ޑިމޮކްރެޓުން އޭނާއަށް ސަޕޯޓު ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ހަސަން ލަތީފްގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް އާއި އެ ޕާޓީގެ 2023 ގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރްވެސް ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅިފަ އެވެ.
ޑިމޮކްރެޓްސްގެ ހުސްވެފައިވާ ރައީސް ކަމަށާއި ނައިބު ރައީސްކަމަށް މީހުން އިންތިހާބު ކުރުމަށް ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީން ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އިންތިޚާބެއް ބޭއްވުމަށް ނިންމާފައެވެ.
މިހާރު ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރެވިފައިވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ފިރުޝާނާއެވެ. އަދި އެ ޕާޓީގެ އަންހެން ނައިބު ރައީސްގެ މަޤާމުގައި މިހާރު ހުންނެވީ އާއިޝަތު އަލައިކާ އަދުނާނެވެ.