ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާ ފުރިހަމައަށް ތަހުގީގުކުރުމަށް، އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ، ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.
މިއަދު އެ ހަމަލާއަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، އަހަރަކަށްފަހު އަހަރެއް ފާއިތުވެގެންދާއިރުވެސް މި މައްސަލާގައި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މި ހަމަލާގައި ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު އެއްވެސް ފަރާތެއްގެ މައްޗަށް ކުށެއް ސާބިތުކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މި އަހަރުގެ މާޗް 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ނަމަވެސް، އޭގެ ފަހުން އެއްވެސް ދައުލަތުގެ މުއައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތް ކަމަށެވެ.
”މިއީ ދުރާލާ ރޭވިގެން ދިން ޓެރަރިސްޓް ހަމަލާއެއް. އެހެންނަމަވެސް މިކަމުގެ ސީރިއަސްކަން ވަނީ ގެއްލުވާލާފައި. އެއީ މި މައްސަލާގައި އިންސާފު ގާއިމުނުކުރެވި ވާވުމުގެ އަސްލު ސަބަބު ވެސް މެ،“ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޑިމޮކްރެޓްސްއިން ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުރިހަމައަށް ހިންގައި، އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ގޮވާލާފައެވެ. އަދި މި މައްސަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައިވެ އެވެ.