މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށްޓަކައި އަލުން ރީބްރޭންޑްކޮށް، ”ސާފް ޓޫރިޒަމް“ އަށް އަމާޒުކޮށް މަސައްކަތްކުރަން ނިންމައިފިއެވެ.
މި ނިންމުން ހާމަކޮށްފައިވަނީ ރޭ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވުނު މަޓާޓޯގެ އެނުއަލް ޖެނެރަލް މީޓިންގ (އޭޖީއެމް) ގައެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލެވެ.
މި ޖަލްސާގައި ކުރިއަށް އޮތް ދެ އަހަރަށް މަޓާޓޯގެ އެކްޒެކެޓިވް ބޯޑު މެމްބަރުކަމަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު، ރައީސްގެ މަގާމަށް މިހާރުގެ ވެސް ރައީސް ޢަބްދުﷲ ގިޔާސް ރިޔާޒު އިންތިހާބުކޮށްފައިވާއިރު ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ މުޙައްމަދު ޚަލީލު އާއި މުޙައްމަދު ޝާޒު (ވަލީދު) އެވެ. އަދި ސެކްރެޓަރީ ޖެނެރަލްއަކަށް ޢަބްދުﷲ ސުއޫދު، ޓްރެޝަރަރ އަކަށް އިބްރާހިމް ދީދީ ވަނީ އިންތިހާބުކޮށްފަ އެވެ.
އެގްޒެކެޓިވް ބޯޑު މެންބަރުންގެ ގޮތުގައި 5 ބޭފުޅަކު ވަނީ އައްޔަންކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޓާޓޯގެ ރައީސް އަދި އެމްއެމްޕީއާރުސީގެ މިހާރުގެ ޗެއަރޕާސަން އަބްދުﷲ ޣިޔާޘް ވިދާޅުވީ މިއަހަރަކީ މަޓާޓޯއަށް 18 އަހަރު ފުރޭ އަހަރު ކަމަށާއި، ވޭތުވެދިޔަ އަހަރުތަކަކީ އުނދަގޫތަކާއި ފަސޭހަތަކާއި، ގޮންޖެހުންތަކެއް ދިމާވި އަހަރުތަކެއް ނަމަވެސް ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.
2006 ވަނަ އަހަރު އުފެދުނު މަޓާޓޯއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްކުރާ، ބައިނަލްއަގްވާމީ ގޮތުން ވެސް ބަލައިގަނެވިފައިވާ ޖަމިއްޔާއެކެވެ.
މި އައު އަމާޒާއެކު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އަސާސް ތަފާތުކުރެވި، ދުރު މުސްތަޤުބަލުގައި އިޤްތިޞާދީ ގޮތުން އިތުރަށް ވަރުގަދަވެގެންދާނެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ފަތުރުވެރިކަން