ކުޅުދުއްފުށީ ކުޅިއަށް އިރުވައި މޫސުމުގައި ޒިޔާރަތްކުރާ ގުޑުގުޑާ ދޫނިތަކަށް ގޯނާވާތީ، ކުޅީގައި ކެނޯ ދުއްވުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައިވެސް ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރަމުންދާ ގުޑުގުޑާ ދޫނިތަކުން އަންނަނީ ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސްދެމުން ކަމަށެވެ.
”ގުޑުގުޑާ ދޫނިތަކާ ބައެއް ފަރާތްތަކުން މާ ކައިރިއަށް ދިއުމާއި، ދޫނިތަކަށް ގޯނާވާގޮތަށް ކުޅީގައި ކެނޯ ދުއްވާކަމުގެ ޝަކުވާ ލިބެމުންދޭ،“ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން، ޑްރޯން ދުއްވާ ފަރާތްތަކަށްވެސް ދޫނިތަކަށް އުނދަގޫވާފަދަ އަމަލެއް ނުހިންގުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ. އަދި ކުޅީގައި ކެނޯ ދުއްވާނަމަ ނުވަތަ ދޫނިތަކަށް އުނދަގޫވާ ފަދަ އަމަލުތައް 7328831 ނަންބަރަށް ރިޕޯޓް ކުރުމަށް އާންމުންނަށް ގޮވާލާފައިވެއެވެ.
ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. ހިމާޔަތްކޮށްފައިވާ ދޫނިތަކަށް ގެއްލުން ދިނުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. މިފަދަ ކުށްތަކަށް ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވެއެވެ.
އިއްޔެ ކުޅުދުއްފުށީގެ މަށި ކުޅިން ފެނިގެން ދިޔައީ 5 ގުޑުގުޑާ ދޫނި ހިމެނޭ ހިތްގައިމު މަންޒަރެކެވެ. މިއީ މީގެ ކުރިންވެސް އިރުވައި މޫސުމުގައި ގުޑުގުޑާ ދޫނިތައް ޒިޔާރަތްކޮށްފައިވާ ތަނެކެވެ. ފޮޓޯގްރާފަރުން ވަނީ މި ސަރަހައްދަށް އައިސް ފޮޓޯތައް ނަގައި ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.