މީގެ ދެ އަހަރު ކުރިން ކުޅުދުއްފުށިސިޓީ ފަރަށް އެރި ބާޖެއް 14 ދުވަހުގެ ތެރޭގައި ނެގުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި އެ ބާޖު ގެނެފައިވާ ކުންފުންޏާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ.
އީޕީއޭއިން ހުށަހެޅި ދައުވާގައި ބުނެފައިވަނީ، 14 ޖުލައި 2023 ގައި ބާޖު ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރުމައްޗަށް ބީއްސާލުމުގެ ސަބަބުން، ކުޅުދުއްފުށީގެ ފަރަށް ލިބެންމުންދާ ގެއްލުންތަކުން އެ ސަރަހައްދު ރައްކާތެރިކުރުމަށާއި، ކުޅުދުއްފުށީގެ އެއަރ އޮޕަރޭޝަންތައް ހިންގުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާތީ، އެބާޖު ގަނެފައިވާ ކުންފުނީގައި ތަކުރާރުކޮށް އެ ބާޖު ނެގުމަން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ ބާޖު ނަގާފައިނުވާ ކަމަށް ދައުވާގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި އީޕީއޭއިން އެދިފައިވަނީ 14 ދުވަހުގެ ތެރޭގައި އެ ބާޖު އެތަނުން ނެގައި އެ ސަރަހައްދަށް އެޅިފައިވާ ބާޖުގެ ބައިތަކާއި ހިލަތައް ނެގުމަށް އަމުރުކޮށްދިނުމަށެވެ.

މި މައްސަލައިގައި ދައުވާ ރައްދުވި ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކުންފުނިން ދައުވާއަށް ރައްދެއް ދީފައިނުވާ ކަމަށް ސިވިލް ކޯޓުގެ މައްސަލަ ނިމުގޮތުގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް އެދިފަ އެވެ.
އެހެންކަމުން އިއްޔެ ސިވިލް ކޯޓުން ވަނީ އެ ބާޖު 14 ދުވަހުގެ ތެރޭގައި ނެގުމަށް އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފަ އެވެ. އަދި އެ ސަރަހައްދަށް އެޅިފައިވާ ބާޖުގެ ބައިތަކާއި ހިލަތައް ނެގުމަށްވެސް ހުކުމް ކޮށްފައިވެ އެވެ.
ކުޅުދުއްފުށި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ސިވިލް ކޯޓު
