ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ.
މި ފެސިލިޓީ ހުޅުވައިދެއްވީ ސައުތް އޭޝިއާ ކޯޕަރޭޓިވް އެވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ ޑިރެކްޓަރު ޖެނަރަލް ނޯބޫ ވަންޗަކް އާއި، ކައުންސިލް މެންބަރު އަހުމަދު އަބްދުﷲ އަދި އެހެނިހެން އިސް ބޭފުޅުންނެވެ.
ސަކެޕްގެ ޕްލާސްޓިކް ފްރީ ރިވަރސް އެންޑް ސީސް (ޕްލީޒް) ޕްރޮޖެކްޓުގެ ދަށުން ގާއިމްކޮށްފައިވާ މި ފެސިލިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ސިޓީ ކައުންސިލް އަދި ވެމްކޯ އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ވެމްކޯ އިންނެވެ.
މި ފެސިލިޓީގައި ކުނި ބޭލްކުރުމަށް ދެ ބޭލިންގ މެޝިނާއި، ހައިޑްރޯލިކް ޕެލެޓް ސްޓެކަރ އަދި ހައިޑްރޯލިކް ޕެލެޓް ޓްރަކް ފަދަ އިކުއިޕްމަންޓްތައް ހިމެނެއެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އިކުއިޕްމަންޓްތައްވެސް ކައުންސިލުން ފޯރުކޮށްދީފައިވެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ފެސިލިޓީ ހިންގުމަށްޓަކައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ އިތުރުން، ވެމްކޯގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުވެސް ދީފައިވެއެވެ. މީގެ އިތުރުން، ކުނި އުފުލުމަށް އެހީތެރިވެދިނުމަށް 4 ރަށު ޕިކަޕްވެސް ހަވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އޮފީހާއި، ޕޭންޓްރީ އަދި ނަމާދު ކޮޓަރިވެސް ހިމެނޭ މި ފެސިލިޓީގައި، ގޭގެއިންނާއި ވިޔަފާރިތަކުން އަދި މުއައްސަސާތަކުން ވަކިކޮށްގެން ގެންނަ ރީސައިކަލް ކުރެވޭ ކުނި އިތުރު ބައިތަކަށް ވަކިކޮށް، ފިއްތައި، ބޭލްކުރެވޭނެއެވެ. އަދި މި ފެސިލިޓީން ބޭލްކޮށްފައި ހުންނަ ރީސައިކަލްކުރެވޭ ޕްލާސްޓިކް ފަދަ ތަކެތި، ރީސައިކަލް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
ކުޅުދުއްފުށި ކުޅުދުއްފުށި ސިޓީ ކައުންސިލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)