ހދ. ކުޅުދުއްފުށީގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި އެކުލަވާލަން ޖެހޭ ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށް ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަލުން އިއުލާން ކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިކަމަށް ކުރިން ކުރި އިއުލާނަކީ 30 ޖުލައިގައި ކުރި އިއުލާނެކެވެ. ނަމަވެސް އެ އިއުލާން ބާތިލުކުރުމަށްފަހު، އަލުން މި މަސައްކަތަށް ހުޅުވާލާފައި މިވަނީ ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެވެ.
މި މަސައްކަތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން ކައުންސިލަށް އީމެއިލް ކުރަންޖެހޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހުގެ 10:30 ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި ބިޑު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިކަން ވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.