މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައި، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ކެބިނެޓަށް ގެންނަން ނިންމި ބަދަލުތަކުގެ ތެރޭގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޤާމުގައި ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު ހަޔަރ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލުކުރެއްވުން ހިމެނެ އެވެ. އަދި ހައުސިނގެ މަސައްކަތްތައް ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ބަދަލުކޮށްފަ އެވެ.
ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބަދަލުތައް:
- މިނިސްޓަރ އޮފް ފިނޭންސްގެ ނަން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ބަދަލުކުރުން؛ މިނިސްޓަރުކަމަށް އައްޔަންކުުރެއްވީ މޫސާ ޒަމީރު
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނަން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ބަދަލުކުރުން؛ މިނިސްޓަރުކަމަށް އައްޔަންކުރެއްވީ ޑރ. ޢަބްދުﷲ މުއްޠަލިބް
- ޑރ. އަލީ ހައިދަރު އަހުމަދު، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްކަމަށް އައްޔަންކުރެއްވުން
- މަރިޔަމް މާރިޔާ، ނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް އައްޔަންކުރެއްވުން
ވަޒީރުންގެ މަޖިލީހަށް މި ގެނެވުނު ބަދަލާއެކު، ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެއްވި ބޭފުޅުންނަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.
މި ބަދަލުތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ޢައްޔަނުކުރެއްވި 4 ވަޒީރުންނާ ބައްދަލުކޮށްލައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތް އަހަރަކީ ސަރުކާރުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ އަހަރެއްކަމުގަ އެވެ. އަދި މިނިސްޓްރީގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެގޮތަށް ކަންކަން ހަމަޖެއްސެވުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލިސް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު