މިދިޔަ އަހަރުގެ ޑިސެންބަރު މަހު، އޭރު ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ޗައިނާ ސަރުކާރުން ރާއްޖެއަށް 2.8 މިލިއަން ޑޮލަރު (43 މިލިއަން ރުފިޔާ) ގެ އެހީއެއް ފޯރުކޮށްދީފި އެވެ.
މި އެހީގައި ހިމެނެނީ ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ފަދަ ތަކެއްޗެވެ.
މި އެހީ ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ ފިނޭންސް މިނިސްޓްރީގަ އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި އެހީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު މޫސާ ޖަމީރު އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޖަމީރު ވިދާޅުވީ ޗައިނާ އިން ދެއްވި އެހީތެރިކަމަކީ ވަރަށް މުހިންމު އެހީތެރިކަމެއް ކަމަށެވެ. މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މިނިސްޓަރު ޖަމީރު ވިދާޅުވީ ޗައިނާ އިން ފޯރުކޮށްދިން މި އެހީތެރިކަމުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމަށާއި، މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އޮފީސް އިމަރާތުގައި އަލިފާން ރޯވީ މީގެ އެއް އަހަރުކުރިން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އަމީނީ މަގު ކޮޅުން، ފުޑްކޯޓުތައް ސަރަހައްދުގައި ހުރި އިމާރާތުގައި ރޯވެ، އެއްކޮށް އެ އިމާރަތްތައްވަނީ ބިމާ ހަމަވެފަ އެވެ. އެއާއެކު ތިން މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކުރީ ދަރުބާރުގެޔަށެވެ. އެއީ ސަރުކާރަށް އިތުރު އިމާރާތެއް ލިބެންދެން ގެނެވުނު ވަގުތީ ހައްލެއްކަމަށް އޭރު ސަރުކާރުން ބުންޏެވެ.
ތިން މިނިސްޓްރީގެ އިތުރުން، އެ ތަނުގައި ސިޓީ ކައުންސިލްގެ ޑިޕާޓްމެންޓެއް މަސައްކަތްތައްވެސް ކުރިއަށްދިޔަ އެވެ.
ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ފިނޭންސް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު


