ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި ގުރުއާނުގެ ބައެއް އުނިވެފައިވާތީ އެ ކުންފުނިން މާފަށް އެދިއްޖެ އެވެ.
ޕީއެސްއެމްއިން ނެރުނު ވީޑިއޯއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވަނީ ޕީއެސްއެމްއިން ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި ގުރުއާނުގެ ބައެއް އުނިވެފައިވާތީ އެކަމަށް މާފަށް އެދި އެކަން ވީގޮތް ކިޔައިދެއްވާފަ އެވެ.
ޕީއެސްއެމްއިން ލައިވްކޮށް ގެނެސްދިން ކޮންޓެކްޓްގައި ގުރުއާނުގެ ބައެއް އުނިވެފައިވާތީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.
އެމްޑީ ސައީދު ވިދާޅުވީ އެ ލައިވް ކޮންޓެންޓުން ގުރުއާނުގެ ބައެއް އުނިވީ އެޑިޓް ކުރުމުގެ ސަބަބުން ނޫންކަމަށާއި އެކަން ހިނގާފައިވަނީ އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް އެ ލައިވް ބަދަލު ކުރުމުގެ ތެރޭގައި ކަމަށެވެ.
މި ކުންފުނީގެ ޗެނަލްތަކުން ލައިވްކޮށް ގެނެސްދިން ކޮންޓެންޓްގައި ކީރިތި ގުރުއާނުގެ ބައެއް އުނިވެފައިވަނީ އެޑިޓް ކުރުމުގެ ސަބަބުންނެއް ނޫން. އެފަދަކަމެއް ދުވަހަކުވެސް މި ކުންފުނީގެ ސަބަބުން ނުކުރާނެ.
އެކަން ހިނގާފައިވަނީ އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް އެ ލައިވް ބަދަލު ކުރުމުގެ ތެރޭގައި ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން އެ މައްސަލަ ހިނގި ވަގުތު ކޮންޓްރޯލް ރޫމުގައި ތިބި މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާކަމަށްވެސް އެމްޑީ ސައީދު ވިދާޅުވި އެވެ. އަދި މި މައްސަލަ އިތުރަށް ބެލުމަށް އެދި ބްރޯޑްކޮމްއަށް ސިޓީއެއް ފޮނުވާފައިވާކަމަށް ސައީދު ވިދާޅުވި އެވެ.