މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނޫސްވެރިން އެކްރެޑިޓް ކުރުމާ ބެހޭ އާ އުސޫލެއް އެކުލަވާލައިފިއެވެ.
އާ އުސޫލެއް އެކުލަވައިލުމުގެ މައިގަނޑު މަގުސަދެއް ކަމުގައި ބްރޯޑްކޮމް އިން ބުނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި، ތަމްރީނު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން ކަމަށެވެ.
މި އުސޫލުގެ ދަށުން އެކްރެޑިޑް ކުރާނީ އެޑިޓަރުން، ރިޕޯޓަރުން، ޕްރެޒެންޓަރުން، ލިޔުންތެރިން، ކޮލަމިސްޓުން، ފޮޓޯ ޖާނަލިސްޓުން ގެ އިތުރުން ވީޑިއޯގްރާފަރުންނެވެ. އަދި އެކްރެޑިޓް ކާޑު ދޫކުރާނީ ކަނޑައަޅާފައިވާ ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަންކުރުމަށް ފަހުގައެވެ. އެ ގޮތުން ވަޒަންކުރުމުގައި ބަލާނެ ކަންތައްތަކުތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް އަދި ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް ހިމެނެ އެވެ.
މި އުސޫލުގައި ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތާއި މުޒާހަރާ އާއި ހަލަބޮލި ހާލަތްތައް ކަވަރު ކުރުމުގެ ގައިޑްލައިން އަދި އިންތިހާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން އެއް ހިމެނެ އެވެ.
އެކްރެޑިޓްކޮށް ދޫކުރާ ޕްރެސް ކާޑު ބާތިލުކުރެވޭނެ ހާލަތްތަކުގެ ތެރޭގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވުން، ޖިނާއީ ކުށެއް ސާބިތުވުން، ތަކުރާރުކޮށް އިސްލާހުކުރަން އެންގުމަށްފަހު ވެސް އިސްލާހުނުކުރުން، ނުވަތަ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ހިންގުން ހިމެނެއެވެ. އަދި މި ފާހުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.
މި އުސޫލު ޝާއިއުކުރާތާ ހަ މަސް ދުވަސް ފަހުން މި އުސޫލަށް އަމަލު ކުރަން ފަށާނެއެވެ.
ނޫސްވެރިކަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)