މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލް އުވިއްޖެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ތަސްދީގުކޮށްފައިވަނީ މިއަދު އެވެ.
މި ޤާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ، މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވުނީ ކަމަށެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި ކޮމިޝަން ކަމަށް ބަޔާންކޮށްފައިވާ ކޮމިޝަނަކީ، އާ ޤާނޫނުގެ ދަށުން އުފަައްދާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން“ ކަމަށް ބަޔާން ކޮށްފައިވެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލް އުވުމާއެކު އެ ދެ ކޮމިޝަންގައި މެންބަރުންގެ މަގާމުތަކުގެ ޤާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމަށްވެސް ޤާނޫނުގައި ބުނެފައިވެ އެވެ.
މި ޤާނޫނުގެ ދަށުން ކޮމިޝަން އެކުލަވާލައި، މެންބަރުން ހިންގުމާ ހަވާލުވަންދެން، ކޮމިޝަންގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށް މިއަދު އަމަލުކުރަންފެށި މީޑިއާ ޤާނޫނުގައި ބުނެފައިވެ އެވެ. އަދި މި ވަގުތީ ކޮމިޓީ ޤާނޫނަށް އަމަލުކުރަންފަށާތާ ތިން ދުވަހުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އވެ.
އާ ޤާނޫނުގެ ދަށުން އެކުލަވާލާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ.
މި ކޮމިޝަންގެ ރައީސް އައްޔަނުކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ކޮމިޝަންގެ ނައިބު ރައީސް އައްޔަނުކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ބަޔާންކޮށްފައިވެ އެވެ. މި ކޮމިޝަނަށް މެންބަރުން އައްޔަނު ކުރެވޭނީ ފަސް އަހަރުގެ މުއްދަތަށެވެ. އަދި ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީޑިއާ ބިލް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)