ތިލަފުށީގައި އެންޓަނާ ފީލްޑް ގާއިމްކުރުމުގެ މަސައްކަތް ފުރިހަމަނުކޮށް އޮތުމާ ގުޅިގެން ސްރީލަންކާގެ ކުންފުންޏަކާ ދެކޮޅަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން، މައްސަލައިގައި ވަކީލުން އަމަލުކުރި ގޮތް ބަލަމުންދާ ކަމަށް ޕީއެސްއެމްއިން މިއަދު ބުނެފި އެވެ.
ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދައުވާ ފޯމުގައި ދީފައިވާ ނަންބަރާއި އީމެއިލް އެޑްރެސް މެދުވެރިކޮށް ތާންތުރީ ޓްރެއިލާސްއަށް ލިޔެކިޔުންތައް ރައްދުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވުމެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވި ލިޔުންތައް ޑެލިވަރ ނުވެ ފެއިލްވެފައިވާތީ، އެ ފަރާތުގެ މިހާރުގެ ނަންބަރު ހިއްސާކުރުމަށް 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ޕީއެސްއެމްއަށް އަންގާފައިވާ ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ޕީއެސްއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތިލަފުށީގައި އެންޓަނާ ފީލްޑް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރެވުނު ތާންތުރީ ޓްރެއިލާސް ޕްރައިވެޓް ލިމިޓެޑަކީ ސްރީލަންކާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ހަވާލުކުރެވުނު މަސައްކަތުގެ 95 ޕަސެންޓް ނިންމާފައިވާކަމަށް ޕީއެސްއެމުން ބުނެފައިވެ އެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ބޭނުމަކީ މަސައްކަތުގެ ބާކީ އޮތް ބައި ނިންމުމަށް އަމުރުކުރުމަށް ނުވަތަ އެ މަސައްކަތް ފުރިހަމަކުރުމަށް ހިނގާނެ ކަމަށް އަންދާޒާކުރެވޭ ޚަރަދު ހޯދުމަށް ކަމަށް ޕީއެސްއެމްއިން ބުނެފައިވެ އެވެ.
ޕީއެސްއެމް އިން ބުނީ މި މައްސަލައިގައި ޕީއެސްއެމްއިން ވަކާލާތު ކުރުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަމުންދާ ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން އަޅަންޖެހޭ އިތުރު ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.