ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން އަޒަރުބައިޖާނާއި ޖޯޖިއާގައި ރާއްޖެ އިޝްތިހާރުކުރަން ތައްޔާރުވެއްޖެ އެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ’އައި އެމް މޯލްޑިވްސް ރޯޑްޝޯ’ގެ ނަމުގައި އަޒަރުބައިޖާނުގެ ބާކޫ އާއި ޖޯޖިއާގެ ތިބިލީސީގައި ބާއްވާ ހަރަކާތްތައް އޮންނާނީ މިމަހުގެ 17އިން 20 އަށް ކަމަށެވެ.
އެ ރޯޑްޝޯގެ މަގުސަދަކީ، ރާއްޖެއަކީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އެ ސަރަހައްދުގައި އިޝްތިހާރު ކުރުން ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
މި ހަރަކާތުގައި ރާއްޖޭގެ ރިޒޯޓުތަކައި ހޮޓެލްތަކާއި ގެސްޓްހައުސްތަކާއި ޓްރެވެލް އޭޖެންސީތައް ހިމެނޭ ގޮތަށް 18 ފަރާތަކުން ބައިވެރިވެ، ބޭރުގެ ވިޔަފާރިތަކާ ގުޅުން ބަދަހިކުރާނެ އެވެ.
އެގޮތުން އެ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދީ، އެ ދެ ގައުމުގެ މާކެޓާ ގުޅޭ މައުލޫމާތު ހޯދާނެ ކަމަށްވެސް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، އެއީ ރާއްޖޭގައި ކުރިއަރަމުން އަންނަ މާކެޓްތަކުގައި ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން މި ރޯޑްޝޯގައި، ޖޯޖިއާއާއި އަޒަރުބައިޖާނާއި ރާއްޖެ ގުޅުވައިދޭ ދަތުރުތަކާ ގުޅޭ ގޮތުން ވެސް މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި ބައިވެރިންގެ މެދުގައި ގުރުނަގައި، މި އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކުން ފޯރުކޮށްދޭ ހޮލިޑޭ ޕެކޭޖްތައް 40 މީހަކަށް ލިބޭނެ އެވެ.
ނޭޝަނަލް ހޮޓަލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ރާއްޖެ - އަޒަރުބައިޖާން ރާއްޖެ - ޖޯޖިއާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)