ދިވެހިންނަށް ވިސާ ނުނަގައި އަޒަރުބައިޖާނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު، ދިވެހި ރައްޔިތުންނަށް ވިސާއަކާ ނުލައި އަޒަރުބައިޖާނަށް ދަތުރުކުރެވޭނެ ގޮތަށް ބައިލެޓްރަލް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި މުހިންމު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލެވެ. އަދި އަޒަރުބައިޖާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ޖޭހުން ބައިރަމޯވް އެވެ. މި އެއްބަސްވުމާއެކު، ދިވެހިންނަށް ވިސާ ނުނަގައި އަޒަރުބައިޖާނަށް ދެވޭނެ ކަމަށް ހާރިޖީ ވުޒާރާއިން ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން، 90 ދުވަހުގެ މުއްދަތަށް އެ ގައުމުގައި މަޑުކުރުމުގެ އިތުރުން، ޓްރާންސިޓް ދަތުރުވެރިންގެ ގޮތުގައިވެސް އެ ގައުމަށް އެތެރެވެވޭނެ ކަމަށް ވުޒާރާއިން ބުނެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދިވެހިންނަށް ފަސޭހަކަމާއެކު އަޒަރުބައިޖާނަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވާނެކަމަށް މިނިސްޓްރީން ބުނެ އެވެ.

ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ 80 ވަނަ އދ. ގެ އާންމު މަޖިލީހު ގެ ހަވާސާގެ ތެރެއިން ސޮއި ކުރެވުނު މި އެއްބަސްވުމަކީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބަައެކެވެ. ފާއިތުވި އަހަރު ރާއްޖެއިން ވަނީ އަޒަރުބައިޖާނާއެކު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު ހޯލްޑަރުންނަށް ވިސާ އުވާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ޓިއަންޖިން ގައި ބޭއްވި އެސްސީއޯ ސަމިޓްގެ ހާވާސާގައި ދެ ގައުމުގެ ރައީސުން ކުރެއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ފަދައިން ދިވެހިރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގަ އެވެ.

ހާރިޖީ ވުޒާރާއިން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި، މި އެއްބަސްވުމާއެކު މިހާރު ދިވެހިންނަށް ވިސާ ނުނަގައި 94 ގައުމަކަށް ދަތުރުކުރެވެ އެވެ.

ރާއްޖެ - އަޒަރުބައިޖާން އަޒަރުބައިޖާން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ