މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ބައްސާމް އާދަމް އައްޔަންކޮށްފި އެވެ.
މަޓާޓޯގެ ސީއީއޯގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އާމިނަތު ސޫޒަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި މަގާމަށް ބައްސާމް ހަމަޖެއްސީ އިންޓަވިއު ޕްރޮސެސްގައި އެންމެ މަތިން މާކްސް ލިބުމާ ގުޅިގެންނެވެ.
ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހުރި ބައްސާމަކީ ޓްރެވަލް އެޖެންސީތަކާއި އެއާލައިންތަކުގެ އިތުރުން ޑެސްޓިނޭޝަން މާކެޓިންގައި އިސް ދައުރުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ބައްސާމް ވަނީ މީގެ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެމްޑީކަމުގެ މަގާމު ވަގުތީ ގޮތުން އަދާކޮށްފަ އެވެ. އެ މަގާމާ ބައްސާމް ހަވާލުވުމުގެ ކުރިން ހުންނެވީ އެމްއެމްޕީއާރްސީގެ ޑީއެމްޑީގެ މަގާމުގަ އެވެ. އެމްއެމްޕީއާރްސީގެ އެމްޑީކަމާ ވަގުތީ ގޮތުން ހަވާލުވީ އޭރު އެމްޑީއަކަށް ހުންނެވި ފާތުމަތު ތައުފީގް މަގާމުން ވަކި ކުރުމުންނެވެ.
މީގެ ކުރިން ބައްސާމަށް ވަނީ އެމްއެމްޕީއާރްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުގައި ސަސްޕެންޝަނެއްވެސް ކުރިމަތިކުރުވާފަ އެވެ.
މަޓާޓޯގެ ސީއީއޯ މުހައްމަދު ބައްސާމް އާދަމް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)