އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް، ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ޕިޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) އިން މިއަދު ބުނެފި އެވެ.
ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ފަރާތުން ހުށަހެޅި ’އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ބިލް އަވަސްކުރުމަށް ބާރު އެޅުމަށް ސަރުކާރަށް ގޮވާލާ ގަރާރު‘ ބަލައިނުގަތުމަށް ނިންމީ އެކަމުގައި އެމްޑީޕީގެ އިހްލާސްތެރިކަން ނެތުމުން ކަމަށެވެ. އަދި އެމްޑީޕީގެ އަސްލު މަގްސަދަކީ ރައްޔިތުންގެ މަޖިލީހުގައި ކުރަން ހުރި ގިނަ މަސައްކަތުގެ ވަގުތު ބޭކާރުކޮށްލުން ކަމަށް ޕީއެންސީއިން ތުހުމަތުކޮށްފައިވެ އެވެ.
”އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް، އެކަމާ ގުޅޭ މާހިރުންގެ ލަފަޔާއި އިރުޝާދާ އެކު ކުރިއަށް ގެންގޮސް، ތާވަލާ އެއްގޮތަށް ނިމޭނެ,“ ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސް ކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރު ބޭރުކޮށްލާފަ އެވެ.
މި ގަރާރަށް ވޯޓަށް އެހުމުން 63 މެންބަރުން ވަނީ މި ގަރާރު ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވާފަ އެވެ. ގަރާރު ބަލައިގަތުމާ އެއްކޮޅަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މެންބަރު މުހައްމަދު އިބްރާހިމްގެ ގަރާރުގައި ބުނެފައިވަނީ މެންބަރު މީކާއިލް ނަސީލް ހުށަހަޅުއްވާފައިވާ ބިލު ވަކިގޮތެއް ނުނިމި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ހުއްޓިފައިއޮތް ސަބަބު ބަލައި، އެ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް ދެނެގަނެ ވީހާވެސް އަވަހަކަށް މި ބިލުގެ މަސައްކަތް ނިންމުމަށެވެ.
ގަރާރުގައި ބުނެފައިވަނީ، 10 ޖޫން 2024 ގައި ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވީ ނަމަވެސް، އެ އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ ކަމަށެވެ. އެފަދަ ކަންކަމުގައި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަންކަން ނިންމަވައި ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.