2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ތަފްސީލެއް ނެތް ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބަޖެޓު ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިޔާމް މިހެން ވިދާޅުވީ، މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރަށްވަމުންނެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ވޯޓުން މަޖިލީހަށް ހޮވިފައިވަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމުގެ ބޮޑު ޒިންމާއެއް އުފުލުމަށް ކަމަށެވެ.
”ޑިމޮކްރަސީ އަދި ވިޔަފާރީގެ ވެސް އެންމެ މާތް ގޮތަކީ ޓްރާންސްޕޭރެންސީ ނޫނީ ގުޅުވާލެވިގެންވާ ނިޒާމެއް އޮތުން. ރައްޔިތުން މިއަދު ބޭނުންވަނީ ކުރާ ކަންތައްތައް އެނގެން،“ ސިޔާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވާނުވާ އެނގެން ކަމަށާއި، ކޮންމެ ދުވަހަކު ސަޕްރައިޒަކާ ކުރިމަތިލާކަށް ބޭނުމެއް ނުވާ ކަމަށެވެ. އަދި ބަޖެޓުގައި ތައުލީމަށް ހަރަދުކުރާ ފައިސާގެ ތަފްސީލު އެނގެން ޖެހޭނެ ކަމަށާއި، ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ ހާލަތު އެނގެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސިޔާމް ފާހަގަކުރެއްވި ގޮތުގައި، މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ތަފްސީލެއް ނެތް ބަޖެޓެއް ކަމަށާއި، މިއީ ދުނިޔޭގެ އެއްވެސް ޤައުމަކުން ނުވަތަ ކުންފުންޏަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން ކަމަށެވެ. އަދި މި ބަޖެޓަކީ ވިޔަފާރިއާއި، ޓްރާންސްޕޭރެންސީ އަދި ޑިމޮކްރަސީއާ ވަރަށް ދުރު ވިސްނުމެއްގެ ބަޖެޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
”ރައްޔިތުން ހޮއްވަވާފައިވާ މެންބަރެއްގެ ހައިސިއްޔަތުން އެ ރައްޔިތުންނަށް މިއަދު ޖަވާބުދާރީވާންވީ ކިހިނެއްތޯ ސުވާލު އުފެދޭ،“ ސިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މީދޫ ދާއިރާގެ މެމްބަރު ޝިޔާމް ދައުލަތުގެ ބަޖެޓް