މިއަހަރުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގެ އިގްތިސޯދީ ހާޅަތާއި ތަސައްވަރު އަންދާޒާ ކުރުމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ނަމަވެސް ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވަނީ ދަށްވެފަ އެވެ.
ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ޖުމުލަ މަސައްކަތްތެރިންގެ އަދަދުވެސް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފިސް (އެމްޕީއޭއޯ) ގައި ރަޖިސްޓާކޮށްފައިވާ މަސައްކަތްތެރިންގެ ޖުމުލަ އަދަދު އެވަރެޖްކޮށް 4.2 އިންސައްތަ އިތުރުވެފައިވާއިރު މިއަހަރުގެ ފުރަތަމަ ނުވަ މަސް ތެރޭގައި މަސައްކަތްތެރިންގެ ޖުމުލަ އަދަދު ވަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަހާ އަޅާބަލާއިރު 0.2 އިންސައްތަ ދަށްވެފަ އެވެ.
މީގެ އިތުރުން ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ލޭބާ ފޯސް ސާވޭއާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ވަނީ ރާއްޖޭގައި ވަޒީފާއެއް ނެތިފައި ތިބި މީހުންގެ އަދަދު މިއަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު ދެވަނަ ކުއާޓާގައި އިތުރުވެފައިވާކަމަށް ބުނެފަ އެވެ. އެގޮތުން ދެވަނަ ކުއާޓާގައި ވަޒީފާ ހޯދަމުންދާ އަދި ވަޒީފާއަށް ނިކުންނަން ތައްޔާރަށް ތިބި ނަމަވެސް ވަޒީފާއެއް ނުލިބޭ މީހުންގެ އަދަދު 4،442 އަށް އަރާކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު، ވަޒީފާގެ ބާޒާރުގައި އުޅޭ މީހުންގެ ނިސްބަތުން ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 1.5 އިންސައްތައިން 3 އިންސައްތައަށް އިތުރުވެފައި ކަމަށެވެ.
ބަޖެޓް 2026 މިނިސްޓްރީ އޮފް ފިނޭންސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ދައުލަތުގެ ބަޖެޓް ޕެންޝަން އޮފިސް
