އައިޑީކާޑާއި ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް އަތޮޅު ތެރެއިންވެސް ލިބޭ ގޮތް ފަހިކުރުމުން އެކަމަށްޓަކައި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ސަރުކާރަށް ޝުކުރު އަދާކުރެއްވީ މިއަދު ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ދިނުމުގެ މަގުޗާޓް އާންމު ކުރުމާއި ގުޅިގެން ނެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޕޯސްޓުގައި ނަރީޝް ވަނީ މާލެ ސިޓީ ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ހިދުމަތާއި ދިވެހި ޕާސްޕޯރޓް ހެދުމުގެ ހިދުމަތް ރައްޔިތުންނާއި ގާތުން އެރައްޔިތުން ތިބި ފަސްގަނޑަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ އަދި މިއަދު އެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވިކަމަށްޓަކައި މާލެ ސީޓި ކައުންސިލާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ.
”އަދި ރައްޔިތުންނާއި ގާތުން ހިދުމަތް ދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް މަރުހަބާ ދަންނަވަން! މިއީ ލާމަރުކަޒީ ނިޒާމް މިގައުމުގައި ފައްކާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން އަމަލީ ގޮތުން ފެނިގެންދާ އަލިގަދަ ދަލީލެއް!“
މާލޭ ފިޔަވައި މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއްގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫ އެވެ. އަދި އައިޑީކާޑުގެ ހިދުމަތް ފަށާފައި ވަނީ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.
އަންނަ އަހަރު ތިރީގައިވާ ރަށްރަށުން މި ހިދުމަތް ލިބޭނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން މައުލޫމާތު ދެއްވި އެވެ.
– ހއ. އިހަވަންދޫގައި އޮގަސްޓް 2025 ގައި ޕާސްޕޯޓު ހިދުމަތް އަދި އައިޑީކާޑު ހިދުމަތް މެއި މަހު ފަށާނެ.
– ހދ. މަކުނުދޫގައި ޕާސްޕޯޓު ހިދުމަތް ސެޕްޓެމްބަރުގައި އަދި އައިޑީކާޑު ހިދުމަތް ފެބްރުއަރީގައި ފަށާނެ.
– ށ. ފުނަދޫ ޑިސެމްބަރުގައި އަދި ށ. މިލަންދޫގައި ޖުލައި މަހުގެ ޕާސްޕޯޓު ހިދުމަތް ފަށާނެ. އަދި ޖޫން މަހު އައިޑީކާޑު ހިދުމަތް ފަށާނެ.
– ނ. އަތޮޅުގައި ޖުލައި މަހުގެ ޕާސްޕޯޓާއި އައިޑީކާޑު ހިދުމަތް ފަށާނެ.
– ރ. އަތޮޅުގައި މެއި މަހު ޕާސްޕޯޓާއި އައިޑީކާޑު ހިދުމަތް ފަށާނެ.
– ބ. އަތޮޅުގައި ޕާސްޕޯޓު ހިދުމަތް ޑިސެމްބަރުގައި އަދި އައިޑީކާޑު ހިދުމަތް އޮގަސްޓުގައި ފަށާނެ.
– ޅ. އަތޮޅުގައި ޕާސްޕޯޓު ހިދުމަތް އޭޕްރީލްގައި އަދި އައިޑިކާޑުގެ ހިދުމަތް ސެޕްޓެމްބަރުގައި ފަށާނެ.
– އއ އަތޮޅުގައި ޕާސްޕޯޓު ސެޕްޓެމްބަރުގައި އަދި އައިޑީކާޑު އޮކްޓޫބަރުގައި ދޫކުރާނެ.
– އދ. އަތޮޅުގައި މާޗު މަހު ޕާސްޕޯޓު އަދި އައިޑީކާޑު އޮގަސްޓުގައި ދޫކުރާނެ.
– ވ. އަތޮޅުގައި ޕާސްޕޯޓު ޑިސެމްބަރުގައި އަދި އައިޑީކާޑު ނޮވެމްބަރުގައި ދޫކުރާނެ.
– މ އަތޮޅުގައި ޕާސްޕޯޓު ހިދުމަތް އޮގަސްޓުގައި އަދި އައިޑީކާޑު އޮކްޓޫބަރުގައި.
– ފ. އަތޮޅުގައި ޕާސްޕޯޓު ހިދުމަތް ޖޫން މަހު އަދި އައިޑީކާޑު ސެޕްޓެމްބަރުގައި.
– ތ. އަތޮޅުގައި ޕާސްޕޯޓު ފެބްރުއަރީގައި އަދި އައިޑީކާޑު ޖުލައި މަހުގެ ތެރޭގައި.
– ގއ. ގައި ޕާސްޕޯޓު ހިދުމަތް ޖެނުއަރީގައި
– ސ. ހުޅުމީދޫގައި ޕާސްޕޯޓު ހިދުމަތް ނޮވެމްބަރުގައި އަދި އައިޑީކާޑު ހިދުމަތް އޭޕްރީލްގައި.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް މާލެ ސިޓީ ކައުންސިލް