ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޑޭމް މެގީ ސްމިތް 89 އަހަރުގައި އަވަހާރަވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޑޭމް މެގީ ސްމިތް އުމުރުން 89 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފި އެވެ.

ހެރީ ޕޮޓަރ ފިލްމު ސިލްސިލާއާއި ޑައުންޓަން އެބީ އަށް މަޝްހޫރު މި ބަތަލާ އަވަހާރަވެފައިވަނީ ހުކުރު ދުވަހު (މިއަދު) ހެނދުނުގެ ވަގުތެއްގައި ލަންޑަނުގެ ޗެލްސީ އެންޑް ވެސްޓްމިންސްޓަރ ހޮސްޕިޓަލުގަ އެވެ.

ޑޭމް މެގީ ސްމިތްގެ ފިރިހެން ދަރިން ބުނި ގޮތުގައި އޭނާ އަވަހާރަވުމުގެ ކުރިން ފަހު ވަގުތުތައް ހޭދަކޮށްފައިވަނީ އާއިލާއާއި ރައްޓެހިންނާ އެކުގަ އެވެ. އަދި އެ ބޭފުޅުން ވަނީ ގެއްލިގެން ދިޔައީ ހިތްވަރުގަދަ، ލޯބިވާ މަންމައެއް އަދި މާމައެއް ކަމަށް ބުނެފަ އެވެ.

”މި ފުރުސަތުގައި މަންމަ އަށް އެހީވެދިން ޗެލްސީ އެންޑް ވެސްޓްމިންސްޓަރ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރަން އަދި ތިޔަބޭފުޅުންގެ ހުރިހާ ހެޔޮ މެސެޖުތަކާއި ސަޕޯޓަށް ޝުކުރު އަދާކޮށް މިވަގުތު އަޅުގަނޑުމެންގެ ޕްރައިވެސީއަށް އިޙްތިރާމް ކުރެއްވުމަށް އެދެމެވެ.“

އިނގިރޭސި ސްޓޭޖާއި ސްކްރީންގެ ލެޖެންޑެއް ކަމަށްވާ ޑޭމް މެގީ ސްމިތް ވަނީ އޭނާގެ ކެރިއަރުގެ ތެރޭގައި ދެ އޮސްކާ އެވޯޑް ހޯދާފަ އެވެ. އެއީ 1970 ވަނަ އަހަރު ”ދަ ޕްރައިމް އޮފް މިސް ޖީން ބްރޯޑީ“ އަދި 1979 ވަނަ އަހަރު ”ކެލިފޯނިއާ ސުއިޓް“ އަށެވެ. މީގެ އިތުރުން އޭނާއަށް އިތުރު ހަތަރު އޮސްކާ ނޮމިނޭޝަނާއި އަށް ބަފްޓާ އެވޯޑް ވެސް ލިބިފައިވެ އެވެ.

ހެރީ ޕޮޓަރ ފިލްމު ސިލްސިލާގައި ޑޭމް މެގީ ފެނިގެން ދިޔައީ މަޝްހޫރު ޕްރޮފެސަރ މިނަރވާ މެކްގޮނަގަލްގެ ރޯލުންނެވެ. މި ކެރެކްޓަރަކީ ގިނަ ހެރީ ޕޮޓަރ ފޭނުންގެ ހިތުގައި ޚާއްޞަ ލޯތްބެއް އޮންނަ ކެރެކްޓަރެކެވެ. އަދި އައިޓީވީގެ ހިޓް ޑްރާމާ ޑައުންޓަން އެބީގައި އޭނާ ކުޅުނީ ޝޯގެ ހަ ސީރީޒްގެ ގްރެންތަމްގެ ޑޮވެޖަރ ކައުންޓެސް ވައިލެޓް ކްރޮލީގެ ރޯލެވެ.

ޑޭމް މެގީ ސްމިތްގެ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމީ ދާއިރާގެ ތަރިންނާއި ފޭނުން ވަނީ ހިތާމައާއި ތައުޒިޔާގެ މެސެޖުތައް ފޮނުވަން ފަށާފަ އެވެ.

ހޮލީވުޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ