ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ޕްރޮޖެކްޓެއްގެ ދިރާސާއެއް މިހާރު ކުރިއަށްދާ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެފި އެވެ.
އީކޯ ޓޫރިޒަމްގެ މަސައްކަތްތައް މިއަހަރުގެ ޖެނުއަރީ މަހު ފަށާފައިވާއިރު، މި މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ވައުދުވެފަ އެވެ. ކޭލަކުނުގައި އިކޯ ޓޫރިޒަމް މަޝްރޫއު ފެށުމަށްޓަކައި، އެ ރަށުގައި ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަޝްރޫއެއް ތަރައްގީ ކުރުމުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް މިނިސްޓްރީން ވަނީ ބީލަމަށް ދައުވަތު ދީފަ އެވެ. ފުރަތަމަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހުނު ނަމަވެސް މިހާރު އެ މުއްދަތު ސެޕްޓެމްބަރު 26 އަށް އިތުރުކޮށްފައިވާއިރު، ހަމަ އެދުވަހު ބީލަން ހުޅުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
80.23 ހެކްޓަރުގެ ބިމުގައި ކޭލަކުނު އިކޯ ޓޫރިޒަމް ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރުހުން ދެއްވީ ކެބިނެޓާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ. ސަރުކާރުން މިގޮތަށް ނިންމީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން އިގްތިސާދީ ނަފާއެއް ލިބޭނެ ގޮތަށް ހެދުމުގެ މަގްސަދުގަ އެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގެ މުރަކަތަކާއި ލޭގޫންތައް ހިމާޔަތްކޮށް، ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ބައިނަލްއަގްވާމީ މިންގަނޑުތަކަށް ތަބާވާ ކޮންޒަވޭޝަން ޕްރޮގްރާމެއްގެ ދަށުން ކޭލަކުނު އާއި އެރަށުގެ ވަށައިގެންވާ ލޭގޫން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މި ރަށުގައި އިކޯ ޓޫރިޒަމް ފެށުމަަށް ކަނޑައެޅުނީ އެރަށުގައި ހުންނަ ގަސްގަހާގެހީގެ މުއްސަނދިކަމުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި ސަރަހައްދުގައި ކުދި ފަތްތަކެއް ހުންނަ ރީނދޫ ކުލައިގެ ކަނޑުލުގެ ބާވަތްތަކުގެ އިތުރުން އޮރެންޖް އަދި ރަތް ކުލައިގެ ކަނޑޫ ގަހުގެ ބޮޑު ބައެއް ވާ ކަމަށް ބުނެވެ އެވެ. މި ރަށުގެ ގޮނޑުދޮށްތަކަކީ ވެސް ގިނަ އަދަދެއްގެ ވެލާ ބިސްއަޅަން އަންނަ މުހިއްމު ތަންތަނެވެ.
މިރަށަކީ އިރުމަތީ ފަރާތުގައި ކުޅި ފާ ޗަސްބިން އެކުލެވޭ ގޮތަށް އުފެދިފައިވާ ރަށެކެވެ. ވަކިން ހާއްސަކޮށް އެރަށުގެ އިރުމަތީ ފަރާތުން ކަނޑޫގަސްތައް ފެންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ރަށުގެ ބޮޑުބައެއްގައި ކަނޑޫފަލާއި، ބޮޑަވަކި އަދި ކުއްޅަވައްގަހުގެ އިތުރުން މުޅި ދުނިޔޭގައިވެސް މަދުން މެނުވީ ނުހެދޭ ބާވަތެއް ކަމުގައިވާ ”ބަރު“ ގަހުގެ ބޮޑު ޖަންގައްޔެއް އުފެދިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މީގެ އިތުރަށްވެސް، ރަށުގެ ބޮޑު ބައެއްގައި ޗަސްބިމާއި ކުޅިއެއް ހުރެ އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން