ޔާމީން ޖަލުގައި ބޭއްވީ ޑރ. ޖަމީލު ވެރިކަން ބޭނުންވެގެން: މުހައްމަދު އިސްމައިލް

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބޭއްވީ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެރިކަން ބޭނުންވެގެން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމައިލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓަށް ވެރިކަމަށް ކުރިމަތިލެވޭނެތޯ ބެލުމަށް ހުށަހެޅި މައްސަލައިގައި ހައިކޯޓުގެ ނިންމުން ބާތިލުކުރަން ލަސްވާތީ، އޭރުގެ ޕީޕީއެމްގެ ލީޑަރޝިޕްގައިވެސް އެ ވާހަކަ ދެއްކި ކަމަށެވެ.

”އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ޖަމީލު އައި ތިން ހަތަރު ގަޑިއިރުވަންދެން [ވާހަކަދައްކާ] ރައީސް ޔާމީނުގެ ލޯޔަރަކު ދައްކާނެ ވާހަކައެއް ނޭނގެ އަޅުގަނޑަކަށް. ދެ ބޭފުޅުންގެ މިޒާޖުގެ ވާހަކައެއް ދެއްކިޔަސް. އަޅުގަނޑަށް ނުރަސްމީކޮށް އެތަނުން މަޢުލޫމާތު ލިބުނު އެދުވަހު އިބްރާހިމް މުހައްމަދު ސޯލިހު އައި ވާހަކަދެއްކީ ރައީސް ޔާމީނު ޖަލުގައި ބާއްވަން އެ ވިސްނުމުގައޭ ވާހަކަ ދެއްކީ،“

ޖަމީލަކީ، ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ކަނޑައެޅުއްވި ފަރާތެވެ. އެހެންކަމުން ރައީސް ޔާމީނަށް ވެރިކަމުގެ ބާރުތައް އަދާނުކުރެވޭނެ ހާލަތެއްގައި ވެރިކަމުގެ ބާރުތައް އަދާކުރައްވާނީ އެ ވަގުތެއްގެ ނައިބް ރައީސް އެވެ. ޖަމީލް ވަނީ 2013 ވަނަ އަހަރުވެސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ނައިބް ރައީސަކަށް ހުންނަވަނިކޮށް ޔާމީނަށް އިތުބާރު ނުކުރެވިގެން 2015 ވަނަ އަހަރު އޭނާ ވަނީ ނައިބް ރައީސްކަމުން ވަކިކޮށްފަ އެވެ.

އިތުރަށް އޭނާ ވިދާޅުވީ، މިހާރު ޕީއެންއެފް އެތެރޭގައި ތިބީ ރައީސް ޔާމީނު ޖަލުގައި ބާއްވަން ޖަމީލުއާއި އެކު މަސައްކަތް ކުރި މީހުން ކަމަށެވެ. އަދި ޖަމީލު ނިކުމެ ރައީސް ޔާމީނަށް ހެޔޮއެދިގެން ވާހަކަ ދައްކާދެއްކުން ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލުނުކުރާނެ ކަމަށާއި، މިހާރުވެސް ޓީވީތަކުގައި އޭރު ރައީސް ޔާމީނަށް ޖަމީލު ގޮވި އެއްޗިހި އެބަހުރި ކަމަށް މުހައްމަދު އިސްމައިލް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން މުހައްމަދު އިސްމާއިލް ޑރ. މުހައްމަދު ޖަމީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ