މާފަރު އެއާޕޯޓު އަބޫ ދާބީގެ ކުންފުންޏަކަށް ދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާ އެތަން ހިންގަމުން އައި ސަން ޓްރެވަލްގެ ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމަށް ބޮޑު ބަދަލެއް ދެއްވިކަމަށް ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މާމިގިލީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް މި ވާހަކަތައް ދެއްކެވީ ގާސިމްގެ ކުންފުނިން ހިންގަމުން އަންނަ ކާޑެއްދޫ އެއާޕޯޓުގެ ހިންގުން ދޫކޮށްލުމަށް ސަރުކާރުން އޭނާއަށް ބަދަލު ދޭން ނިންމާފައިވާތީ އެކަމާ ކުރީގެ ރައީސް ޔާމީން ވަރަށް ގިނައިން ވާހަކަ ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ. ގާސިމް ވިދާޅުވީ ރައީސް ޔާމީން ކަންބޮޑުވަނީ ރައީސް މުއިއްޒު އިންސާފަށް ކަންކުރައްވާތީ ކަމަށެވެ.
މާފަރު އެއާޕޯޓު އަބޫ ދާބީގެ ކުންފުންޏަކަށް ދޭން ސަން ސިޔާމަށް 10 މިލިއަން ޑޮލަރުގެ ބަދަލެއް ދިންކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެވަރުގެ ބޮޑު ބަދަލެއް ދިނީ އެތަނުގައި ބޮޑު ގަނޑުވަރަކާއި ބޮޑު ރަންވޭއެއް އަޅާފައި އޮތުމުންތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ. އެފަދަ އެއްބަސްވުމެއް ހަދާފައިވާކަން އެނގޭ ކަމަށާއި ރައީސް ވިދާޅުވީމާ އެތަން ދޫކޮށްލީކަމަށް ސިޔާމް ވިދާޅުވިކަމަށް ގާސިމް ވިދާޅުވި އެވެ.
ސިޔާމް އަޅުގަނޑު ކައިރި ވިދާޅުވި ތިމަންނާ ރައީސް ވިދާޅުވީމާ އެތަން ދޫކޮށްލީއޭ. ދޫކޮށްލި އިރު އެއްޗެއް ނުލިބި ދޫކޮށްލާނެ މީހެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.
ގާސިމް ވަނީ ސިޔާމަށް އެފައިސާ ދިނީ މާފަރު އެއާޕޯޓަށް ކޮން އިންވެސްޓްމެންޓެއް ކޮށްފައި އޮތުމުންތޯ ސުވާލު އުފައްދާފަ އެވެ. އަދި އެންމެ ފަހުން ސިޔާމަށްވެސް ރައީސް ޔާމީން ދިނީ ލަގާއެއްކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މީހަކު އިންސާފަށް ކަމެއް ކުރާނަމަ ރައީސް ޔާމީނަށް ވަރަށް އަސަރު ކުރާކަމަށެވެ. އަދި ރައީސް ޔާމީނަކީ ވާހަކަ ދައްކަވާއިރު އަމިއްލައަށް ރައީސް ކުރިއަށް ލައްވައިގެން ވާހަކަ ދައްކަވާ ހަމައެކަނި ރައީސްކަމަށް ގާސިމް ވިދާޅުވި އެވެ.
އަމިއްލައަށް ރައީސް ޔާމީން ކިޔައިގެން އުޅޭ މީހާގެ ވާހަކަ މި ދައްކަނީ. ދުވަހަކުވެސް އަދި އަޑެއް ނާހަން މި ރާއްޖޭގަ ރައީސްކަން ކުރި މީހަކު އަބަދު އެމީހެއްގެ ނަން އެމީހާ އަމިއްލައަށް ކިޔާއިރު އަމިއްލައަށް ރައީސް ކުރިއަށް ލައިގެން ކިޔާ އަޑެއް.
މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމަކީ އެމަނިކުފާނު ހޯދައިދިން ވެރިކަމެއްކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ ބުރުގައި ރައީސް ޔާމީނަށްވެސް އަދި އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވީ 25 އިންސައްތަކަމަށާއި ދެވަނަ ބުރުގައި ރައީސް ޔާމީނަށް ކުރި ލިބުނީ އެމަނިކުފާނާއި އެތަށް ބައެއްގެ މަސައްކަތުންކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ރައީސް ޔާމީންގެ އެކައުންޓުން ފެނުނު ރުފިޔާއަކީ ވަގަށް ނެގި ފައިސާކަމަށް ވިދާޅުވި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ނުޖެހޭތޯ ގާސިމް ވަނީ ސުވާލު އުފައްދާފަ އެވެ.
ރައީސް ޔާމީނަކީ ދެއްކޭ ވާހަކައެއް ނުދެއްކޭ ވާހަކައެއް އެނގި ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި ރައީސްކަމުގައި ހުންނެވި އިރުވެސް ފާޑުފާޑުގެ ވާހަކަތައް ރައީސް ޔާމީން ދެއްކެވިކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރައީސް ޔާމީނުގެ އެތަށް ވާހަކައެއް ދެއްކެން އެބަ ހުރިކަމަށާއި ހުރިހާ ވާހަކައެއް ދައްކާކަން ބޭނުން ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން ކާޑެއްދޫ އެއާޕޯޓު މާފަރު އިންޓަނޭޝަނަލް އެއާޕޯޓް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގާސިމް އިބްރާހިމް