ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާ ނިމެމުންދާ 4،000 ފްލެޓް ލިބުނު މީހުން އެތަންތަނަށް ދައްކަންޖެހޭ ޑައުންޕޭމަންޓަށްވާ ފައިސާ އާއި ކުލި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާލޭގެ ގަލޮޅު އަވަށުގެ ރައްޔިތުންނާ އެކު ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގަ އެވެ.
ރައީސް ވިދާޅުވީ 4،000 ފްލެޓް ލިބުނު މީހުން 25،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަންޖެހުމަކީ އެފަދަ މީހުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށް ގެންދާ އަވަށު ބައްދަލުވުންތަކުގައި ވަރަށް ގިނަ ރައްޔިތުން އަންނަނީ މި ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ.
25،000 ރުފިޔާގެ ޑައުންޕޭމަންޓާއި ފްލެޓްތަކަށް ދައްކަންޖެހޭ ކުއްޔަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިތޯ ސަރުކާރުގެ ތެރެއިން ބައްލަވައި، ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
މިހާރު ކަނޑައަޅާފައި އޮންނަ އުސޫލަކީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000 ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ.
4،000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަބްސިޑީއެއް ދިނުމަށް މީގެ ކުރިން ނިންމާފައިވެ އެވެ. މި މަޝްރޫޢުގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ދެ ކޮޓަރީގެ ޔުނިޓަކަށް މަހަކު 2,000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓަކަށް މަހަކު 4,000 ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފަ އެވެ. ސަބްސިޑީ ނުލާ 2 ކޮޓަރީގެ ޔުނިޓަކަށް ޖެހެނީ 9،000 ރުފިޔާ އެވެ. އަދި 3 ކޮޓަރީގެ ޔުނިޓަކަށް ޖެހެނީ 13،000 ރުފިޔާ އެވެ.
މި ސަބްސިޑީއާއެކު، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދެ ކޮޓަރީގެ ޔުނިޓަކަށް ދައްކަންޖެހޭނީ 7,000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓަކަށް 9,000 ރުފިޔާ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް



