ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ސްރީ ލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް އަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ.
މިކަން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީ ލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ. ރަސްމިއްޔާތުގައި ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ނަޔޯމީ ޓެނަކޫންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޓާމިނަލް 1 އިން ސްރީލަންކަން އެއާލައިންސްގެ ހިދުމަތް ފެށުމުގެ ގޮތުން އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 115 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓް، UL101 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ސްރީލަންކަން އެއާލައިންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ސްރީ ލަންކާގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 1 ސެޕްޓެންބަރު 1979 ގައެވެ. ސްރީލަންކަން އެއާލައިންސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ ޖުމުލަ 33 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ރާއްޖެ - ލަންކާ އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)



