އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ފީފަ ވޯލްޑް ކަޕުގެ ފައިސާގެ އިނާމު ބޮޑުކުރަން ފީފާ އިން ނިންމައިފިއެވެ.
ފީފާގެ ކައުންސިލުން ވަނީ ޓީމުތަކަށް ޖުމްލަ 727 މިލިއަން ޑޮލަރު ދޫކުރުމަށް ނިންމާފައެވެ. އެގޮތުން، ޗެމްޕިއަން ޓީމަށް 50 މިލިއަން ޑޮލަރު ދޭއިރު، ރަނަރަޕް ޓީމަށް 33 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި ކުރިޔަށްދިޔަ މުބާރާތުގައި ޗެމްޕިއަން ޓީމަށް ދީފައިވަނީ 42 މިލިއަން ޑޮލަރެވެ.
ފީފާ އިން ވަނީ ގުރޫޕް ސްޓޭޖު ފަހަނައަޅާ ނުދާ ޓީމުތަކަށްވެސް ނުވަ މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. އަދި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް 1.5 މިލިއަން ޑޮލަރު ދޭއިރު، ކޮންމެ ޓީމަކަށްވެސް މަދުވެގެން 10.5 މިލިއަން ޑޮލަރު ލިބޭނެއެވެ.
ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ބުނީ މިފަހަރު ޓީމުތަކަށް ކުރާ ހޭދައިންވެސް މުބާރާތް ބޮޑުވާ މިންވަރު ހާމަވާނެ ކަމަށެވެ.


