ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް މި ހަފުތާގައި ގެނައި އިސްލާހުތަކުގެ ތެރެއިން، ބޭބީ ސިޓާސް ނުގެނެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފި އެވެ.
މި ބަދަލު ގެނެސްފައިވަނީ ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ކަންބޮޑުވުންތައް ފާޅުކުރުމާ ގުޅިގެންނެވެ.
ހޯމް މިނިސްޓްރީން އިއްޔެ ވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް، ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފަ އެވެ. މި އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފަ އެވެ. މި ބަދަލުތަކުގެ ސަބަބުން، ވަކިވަކި ދާއިރާތަކުގައި މިހާރުން ފެށިގެން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ފުރަތަމަ ގެނެވުނު އިސްލާހުގައި، ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ކޯޓާ ބާތިލުކޮށް އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރޭގައި ’ބޭބީ ސިޓާސް‘ ހިމަނާފައިވުމުން، ގިނަ ބަޔެއްގެ ކަންބޮޑުވުންތައް ފާޅުވި އެވެ. އެ ޝަކުވާތަކާ ވިއްދައިގެން ސަރުކާރުން ވަނީ ގަވާއިދު އިސްލާހުކޮށް، ދެ އަހަރުގެ މުއްދަތަށް ފަހު ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ލިސްޓުން ’ބޭބީސިޓާސް‘ ގެ ވަޒީފާ އުނިކޮށްފަ އެވެ.
އާ އިސްލާހުގެ ދަށުން، އެ އަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ދެން ކޯޓާ ނުދެވޭނެ ވަޒީފާތަކަކީ:
- ހެއާ ޑްރެސަރުން
- ބިއުޓީޝަނުން
- ޕާސަނަލް ޓްރެއިނާސް
- އިލެކްޓްރީޝަނުން
- ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)
- ޓުއާ ގައިޑުން
- އެކައުންޓެންޓުން
- އިމާމުން
މީގެ އިތުރުން، ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ ޑައިވަރުން، ނަރުހުން، ބިލްޑިން އިކްސްޕެކްޓަރުން، ސާވޭޔަރުން، ސައިޓް ސުޕަވައިޒަރުން އަދި ޕައިލެޓުން އެވެ.
ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލުކުރާނެ ވަޒީފާތަކަކީ އިލެކްޓްރިކަލް އިންޖީނިއަރުން އަދި ޑައިވް އިންސްޓްރަކްޓަރުން އެވެ. އަދި ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލުކުރާނެ ވަޒީފާތަކުގެ ތެރޭގައި ހައުސް ކީޕިން މެނޭޖަރުން، ހިއުމަން ރިސޯސް މެނޭޖަރުން، ޕްރަންޓް އޮފީސް މެނޭޖަރުން، ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުން ހިމެނެ އެވެ.
މި ބަދަލުތަކަށް އަމަލުކުރުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވާތީ، ދާއިރާތަކަށް ބަދަލުތަކާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ


