ދާއިމީ ބައްޔެއް ހުރި މީހުންނަށް މުޅި ޕެންޝަން އެއްކޮށް ނެގޭ ގޮތް ހެދުމަކީ ވިސްނުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ކުރިއަށް ގެންދެވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ ޕެންޝަން ފައިސާއިން ހައުސިންގެ ބައެއް ކަންކަމަށް ބޭނުން ކުރަން ފެށިފައިވާ ކަމަށެވެ. އަދި އެ ފަންޑަށް އިތުރު އެހެން ކަންކަން ހިމަނައިގެން ޕެންޝަންގެ ގާނޫނު އަނެއްކާ ވެސް އިސްލާހު ކުރުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދާއިމީ ބައްޔެއް ހުންނަ ފަރާތަކަށް އެ ފަރާތެއްގެ ޕެންޝަން އެއްކޮށް ނެގޭނެ ފަދަ ގޮތަކަށް އެ ފަންޑު ނެގޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
”ޓާމިނަލް އިލްނެސްގައި އުޅޭ ފަރާތެއް ވިއްޔާ، އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި، މި ކަހަލަ ބައެއް ކަންކަން އަދި ހައުސިންއަށް ދެވޭ ފުރުސަތުގެ އިތުރަށް ހައުސިން އާއި ގުޅޭ އިތުރު ކަންކަން ހިމެނޭހެން މި ކަހަލަ އެތައް ކަމެއް، އިތުރު ފުރުސަތު ހިމެނޭހެން ޕެންޝަން ޤާނޫނު އިސްލާހުކުރުމަށް ދާދި އަވަހަށް އެބަ ފޮނުވަން މަޖިލީހަށް.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕެންޝަން ގާނޫނު އިސްލާހު ކުރާނީ ހައުސިންގައި މިހާރު ދެވޭ ފުރުސަތުތަކުގެ އިތުރުން ހައުސިންއާ ގުޅޭ އެކި ކަންކަން އިތުރު ކަންކަން ކުރެވޭނެހެން ކޮލަޓަރައިޒް ކުރެވޭނެ ގޮތަށް ހިމަނައި އެކަހަލަ ގިނަ ފުރުސަތުތަކެއް ލިބޭނެ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިފަދައިން ބަދަލުތައް ގެނައުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އަދި އެއާއެކު ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރުމުގެ އިތުރު ފުރުސަތުތައް އާންމުންނަށް ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ޕެންޝަން ފަންޑު ލިބޭން ފަށާނީ އުމުރުން 65 އަހަރާއި އެ އުމުރަށް ވުރެ މަތީގެ މީހުންނަށެވެ. ވަޒީފާ އަދާ ކުރާ ކޮންމެ މީހެއް ރިޓަޔާމަންޓު ޕެންޝަން ސްކީމުގައި، ވަޒީފާ ދޭ ފަރާތްތަކުތުން ބައިވެރިކުރަން ޖެހޭ އިރު އެ ސްކީމުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުން ބައިވެރިވާން ޖެހޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕެންޝަން އޮފިސް


