ރޭގަނޑު ދަންވަރު އާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން މިރެއިން ފެށިގެން ހުއްޓުވާ ސުވާލު ކުރުމަށް ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް އަންގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް އަންގަވާފައިވާ ކަމަށެވެ. މިއީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅޭ ފަރާތްތައް ދެނެގަނެ، އެކަންކަން ހުއްޓުވުމަށް އަޅުއްވާ ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންތައްތައް ކުރަމުންދެ އެވެ.
ރައީސްގެ އަމުރުގައިވާ ގޮތުން، ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށްފަހު، ފާހަގަވާ ކަންކަމާ ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގަވާފަ އެވެ. މި މަސައްކަތް މިރެއިން ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިއީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ވެގެންދާ ކަމެކެވެ. މިހާރުވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓާކްސްފޯސްއެއް އެބަ އޮތެވެ. އެ ޓާސްކްފޯސްގައި ފުލުހުންނާއި އިމިގްރޭޝަން އާއި ހެލްތް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ ހިމެނެ އެވެ. މި ޓާސްކްފޯސްއިން އަންނަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ ހޯދުމަށް ބިދޭސީން ދިރިއުޅޭ ތަންތަނާއި ބިދޭސީން މަސައްކަތް ކުރާ ތަންތަން ބަލާ ފާސް ކުރަމުންނެވެ. އަދި ބިދޭސީން ހިންގާކަމަށް ބެލެވޭ ވިޔަފާރިތައްވެސް ބަލާ ފާސްކޮށް އެފަދަ ވިޔަފާރިތައް އަންނަނީ ބަންދު ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިދޭސީން ބިދޭސީންގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތް



