އެސްޑީއެފްސީގެ ”ތިޖާރާ ރަށު ފަތުރު“ ގެ ނަމުގައި ރާއްޖޭގެ ލޯކަލް ޓޫރިޒަމް ސެކްޓަރ އަށް ޚާއްސަކޮށްގެން އިސްލާމިކް ފައިނޭންސިންގ ޕްރޮޑަކްޓެއް ތަޢާރަފުކޮށްފި އެވެ.
މިއީ އެސްޑީއެފްސީ ތިޖާރާގެ ދަށުން ތަޢާރަފުކުރާ ފުރަތަމަ ފައިނޭންސިންގ ފުރުސަތެވެ.
މި ޕްރޮޑަކްޓްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ފެސިލިޓީގެ ދަށުން އަލަށް ފަށާ އަދި މިހާރު ހިންގަމުންދާ ވިޔަފާރިތަކަށްވެސް ފައިނޭންސިންގ ލިބޭނެ އެވެ.
މި ފައިނޭންސިންގ ގެ ދަށުން އަހަރަކު 9.5 އިންސައްތައިގެ ރޭޓެއް ނެގޭނެ އެވެ. އަދި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެ އެވެ. ގެސްޓްހައުސް އިމާރާތްކުރުމަށް އެންމެ ކުޑަވެގެން 200,000 ރުފިޔާ އަދި އެންމެ ގިނަވެގެން 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ނެގިދާނެ އެވެ. އެހެނިހެން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ އެވެ.
މި ފައިނޭންސިންގ ގެ ދަށުން އައު ގެސްޓްހައުސް މަޝްރޫޢުތަކަށާއި، މިހާރު ހުރި ގެސްޓްހައުސްތައް އަޕްގްރޭޑް ކުރުމަށާއި، ޓުއަރ އޮޕަރޭޓިންގ ޚިދުމަތްތަކަށާއި، ވޯޓަރ ސްޕޯޓްސް ހަރަކާތްތަކަށާއި، ގެސްޓްހައުސްތަކާ ގުޅުންހުރި ރެސްޓޯރަންޓް އަދި ކެފޭތަކަށް ފައިނޭންސިންގ ނެގިދާނެ އެވެ. މީގެ އިތުރުން އޮންލައިން ބުކިންގ ސިސްޓަމްތަކާއި ވެބްސައިޓް ތަރައްޤީކުރުމަށްވެސް މި ފައިނޭންސިންގ ބޭނުންކުރެވޭނެ އެވެ.
”ތިޖާރާ ރަށު ފަތުރު“ އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފަ އެވެ. ޝައުޤުވެރިވާ ފަރާތްތަކަށް އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހުންނަ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ) ފަތުރުވެރިކަން ލޯކަލް ޓޫރިޒަމް