މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 282 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ބޭންކުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ނޮވެމްބަރު މަހު އެމްއައިބީގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާ އަށް ވަނީ މަތިވެފަ އެވެ. އަދި އެ ބޭންކުން 2024 ވަނަ އަހަރު ނިންމާލީ 11.4 ބިލިއަން ރުފިޔާގެ އެސެޓް ވެލިއުއަކާއެކު އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 39 ޕަސެންޓް އިތުރު އަދަދެެކެވެ.
އެމްއައިބީއިން ބުނީ މިދިޔަ އަހަރު އެ ބޭންކުން ގެނެސްދީފައިވާ ލުއިފަސޭހަތަކާއި އެކު ކަސްޓަމަރުން އެ ބޭންކަށް ކުރާ އިތުބާރު އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރަކީ އެ ބޭންކަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބޭންކުން ސިފަ ކުރެ އެވެ.
މިދިޔަ އަހަރު އެ ބޭންކަށް ކަސްޓަމަރުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު 9.12 ބިލިއަން ރުފިޔާއަށް ބޭންކުގެ ޑިޕޮސިޓް ބޭސް ވަނީ އިތުރުވެފަ އެވެ.
އެމްއައިބީ އަކީ އިޖުތިމާއީ ގޮތުން ގިނަ މަސައްކަތްތަކެއް ވެސް ކުރާ ބެންކެކެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރާ އެ ބޭންކަށް މިދިޔަ ކުއާޓަރުގައި ވަނީ ބައިނަލްއަގުވާމީ ދެ އެވޯޑް ވެސް ލިބިފަ އެވެ. މީގެ އިތުރުން، އެމްއައިބީއިން ބުނީ އެ ބޭންކުގެ ކާމިޔާބީގެ އެންމެ ބޮޑު ބައިވެރިޔަކީ އެ ބޭންކުގެ ކަސްޓަމަރުން ކަމަށެވެ.
