ޚަރަދު ކުރުމުގެ ބިލު ސެނެޓުން ފާސްނުކުރެވި އެމެރިކާ ސަރުކާރު ހުއްޓިއްޖެ އެވެ.
އެމެރިކާގެ ސެނެޓްގައި 100 މެންބަރުން ތިބޭއިރު، ޚަރަދުގެ ބިލް ފާސްކުރުމަށް ބޭނުންވަނީ 60 މެންބަރުންގެ ވޯޓެވެ. އެމެރިކާގެ ސެނެޓް ބެހިގެންވަނީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް 53 މެންބަރުން އިދިކޮޅު ޑިމޮކްރެޓްސް ޕާޓީއަށް 45 މެންބަރުން އަދި މިނިވަން ދެ މެންބަރުންގެ މައްޗަށެވެ.
ޚަރަދު ކުރުމުގެ ބިލު ސެނެޓުން ފާސްނުކުރެވި އެމެރިކާ ސަރުކާރު ހުއްޓިފައިވަނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް، އެ ބިލް ފާސްކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަނުކުރެވުމުންނެވެ.
އެމެރިކާ ސަރުކާރު ހުއްޓުމާއި ގުޅިގެން ޕަބްލިކް ސާވިސްގައި މަސައްކަތްކުރާ ގާތްގަނޑަކަށް 750،000 މީހުން ވަގުތީގޮތުން މުސާރަ ނުލިބޭގޮތަށް މަސައްކަތުން އެކަހެރިވާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.
ސެނެޓުން ޚަރަދުގެ ބިލް ފާސްނުކުރެވި އެމެރިކާ ސަރުކާރު ހުއްޓިފައިވާއިރު، ރިޕަބްލިކަން އަދި ޑިމޮކްރެޓްސްއިން އަންނަނީ މިކަމުގެ ޒިންމާ އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވަމުންނެވެ.
1980 ގެ ފަހުން އެމެރިކާގެ ސަރުކާރު މިގޮތަށް ހުއްޓިފައިވަނީ 14 ފަހަރު އެވެ. އެންމެފަހުން މިގޮތަށް ސަރުކާރު ހުއްޓިފައިވަނީ އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު އެވެ. އެފަހަރު ސަރުކާރު ހުއްޓިފައިވަނީ 35 ދުވަހަށެވެ.