ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ވެވުނު ޣައްޒާ ސުލްހައިގެ އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު މިސުރު، ގަތަރު އަދި ތުރުކީން ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިސުރުގެ ޝަރަމް އައް-ޝެއިޚްގައި ބޭއްވުނު ބައިނަލްއަގުވާމީ ސަމިޓެއްގަ އެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ކުރެވުނު ހަނގުރާމައިގައި ހައްޔަރު ކުރެވުނު މީހުން ދޫކޮށްލުމަށްފަހު ގަޑިއިރުތަކެއްގެ ތެރޭގައި ސޮއިކުރެވުނު މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ މިއީ ”މެދުއިރުމަތީގެ ސަރަހައްދަށް ވަރަށް މުހިންމު ދުވަހެއް“ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ގަވާއިދުތަކާއި އެހެނިހެން ގިނަ ކަންކަން ހިމެނޭނެ ކަމަށާއި، މި އެއްބަސްވުން ދެމެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިސުރުގެ ރައީސް އަބްދުލް ފައްތާހް އައް-ސީސީ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާއި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުމަށްފަހު ޣައްޒާ އަލުން އިމާރާތްކުރުމާ ގުޅޭ ކޮންފަރެންސެއް މިސުރުން ބާއްވާނެ ކަމަށެވެ.
”އެމެރިކާއާއެކު އެހެން ބައިވެރިންނާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާ އަލުން އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް މިސުރުން މަސައްކަތްކުރާނެ“ ސީސީ ވިދާޅުވި އެވެ.
މި އެއްބަސްވުމަކީ އިންސާނިއްޔަތުގެ ތާރީޚުގެ ވޭންދެނިވި ބާބެއް ނިންމާލައި، މެދުއިރުމަތީގެ ސަރަހައްދަށް އަމާންކަމާއި ހަމަޖެހުމުގެ އާ ދައުރެއް ފެށިގެންދާނެ އެއްބަސްވުމެއް ކަމަށް ރައީސް ސީސީ ވިދާޅުވި އެވެ. އަދި މިއީ ދެ ދައުލަތުގެ ހައްލަކަށް މަގުފަހިކޮށްދޭނެ ތާރީޚީ ދުވަހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.