ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕްގެ ”20-ޕޮއިންޓް ޕްލޭން“، ނަތަންޔާހޫ އެއްބަސްވެއްޖެ!

Advertisement

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭނަށް ނަތަންޔާހޫ އެއްބަސްވެފައިވަނީ އެމެރިކާގައި ބޭއްވި ބައްދަލުވުމަކަށްފަހު އެވެ. މި ހުށަހެޅުމަށް އެއްބަސްވުމާ ގުޅިގެން ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ޝުކުރުއަދާކޮށްފަ އެވެ. އަދި މިއީ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނަށް ވާނެކަމަށްވެސް ބުނެފައިވެ އެވެ.

މި ހުށަހެޅުމާއި ގުޅޭގޮތުން ހަމާސްއިން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެެވެ. ނަމަވެސް މީގެކުޑަވަގުތުކޮޅެއްކުރިން ޤަތަރުގެ ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ ރޭގެ ވަގުތެއްގައި ޤަތަރާއި މިސްރުން، ޓްރަމްޕްގެ ޕްލޭން ހަމާސްގެ އޮފިޝަލުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއަދު އެ ހުށަހެޅުމާއި ގުޅޭގޮތުން ހަމާސްއާއެކު މަޝްވަރާކުރުމަށް ރޭވިފައިވާކަމަށާއި، މިސްރާއި ޤަތަރުގެ އިތުރުން ތުރުކީންވެސް އެ މަޝްވަރާތަކުގައި ބައިވެރިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ބުނެފައިވަނީ މި ހުށަހެޅުން ހުށަހެޅީ، މެދުއިރުމަތީގައިވާ އެމެރިކާއާ ގުޅުން ރަނގަޅު ގައުމުތަކާއެކުވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ޓްރަމްޕްގެ ހުށަހެޅުމުގައިވާ ކަންކަން

ޓްރަމްޕްގެ ހުށަހެޅުމުގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން ޣައްޒާ ވެގެންދާނީ އަވަށްޓެރި ގައުމުތަކަށް ނުރައްކަލެއް ނެތް ޓެރަރިޒަމް ފްރީ ޒޯނަކަށް ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމަށް އަލުން ޣައްޒާ ތަރައްޤީ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. 

މި ހުށަހެޅުމަށް އިޒްރޭލް އަދި ހަމާސް އެއްބަސްވާ ހިސާބުން ހަނގުރާމަ ވަގުތުން ހުއްޓާލަންވާނެ ކަމަށާއި އަދި އިޒްރޭލުން އެ މީހުންގެ އަސްކަރީ ސަފުތައް ޣައްޒާގައި ފަހަތަށް ޖައްސަންވާނެ ކަމަށް ބުނެފައިވެ އެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރުގެ ތެރޭގައި ހަމާސްއިން ރަހީނުކޮށްފައިވާ އެންމެން ދޫކޮށްލަންވާނެ ކަމަށް ޓްރަމްޕްގެ ހުށަހެޅުމުގައި ބުނެފައިވެ އެވެ. އަދި އިޒްރޭލުން އުމުރަށް ޖަލަށް ލާފައިވާ ޣައްޒާގެ 250 މީހުންނާއި، ހައްޔަރުކޮށްފައިވާ 1700 މީހުން ދޫކޮށްލަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ޓްރަމްޕްގެ ހުށަހެޅުމުގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުުން ހަމާސް ހިންގުން ހުއްޓާލާ، ހަތިޔާރު ބަހައްޓަންވާނެ ކަމަށެވެ. އަދި ޣައްޒާ ދޫކޮށް ދާން ބޭނުންވާ ހަމާސްގެ މީހުންނަށް އެ ފުރުސަތު ހުޅުވާލަންވާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެއްވެސް ހުރަހެއްނެތި ޣައްޒާއަށް އިންސާނީ އެހީ ވަގުތުން ވައްދަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ޑޮނަލްޑް ޓްރަމްޕް އަދި ބެންޖަމިން ނަތަންޔާހޫ / ފޮޓޯ: ވޮޝިންގޓަން ޕޯސްޓް

މި އެއްބަސްވުމުގެ ދަށުން ޣައްޒާ ވަގުތީގޮތުން ބަލަހައްޓާނީ ބައިނަލްއަޤްވާމީ ބޯޑެއްގެ ދަށުން އުފައްދާ ހާއްސަ ކޮމިޓީއަކުން ކަމަށާއި އެ ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވާނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އަދި ޓްރަމްޕް ކަމަށް ބުނެފައިވެ އެވެ. އަދި ޓްރަމްޕްގެ އިގްތިސާދީ ޕްލޭންގެ ދަށުން ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ސްޕެޝަލް އިކޮނޮމިކް ޒޯނެއްވެސް ކަނޑައެޅޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން ޣައްޒާގެ ރައްޔިތުން ގަދަކަމުން އެ މީހުންގެ ވަޒަނުން ބޭރު ނުކުރެވޭނެ ކަމަށާއި އެމީހުން ޣައްޒާގައި ތިބުމުގެ ނުވަތަ ދޫކޮށްދިއުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

ޓްރަމްޕްގެ ހުށަހެޅުމުގައި ވަނީ ޣައްޒާގެ ހިންގުމުގައި ހަމާސް ބައިވެރި ނުކުރެވޭނެކަމަށް ހިމަނާފަ އެވެ. އަދި ޣައްޒާ ރައްކާތެރިކޮށް ބެލެހެއްޓުމަށް އިންޓަނޭޝަނަލް ސްޓޭބަލައިޒޭޝަން ފޯސް (އައިއެސްއެފް) ގެނަމުގައި ތަމްރީނުކޮށްފައިވާ ޕޮލިހުން ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އިޒްރޭލަށް އެއްވެސް ގޮތަަކަށް ޣައްޒާ ނުހިފޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި ހުށަހެޅުމަށް ހަމާސްއިން ދެކޮޅު ހަދައިފިނަމަ އިޒްރޭލުން ހިފާފައިވާ ޣައްޒާގެ ސަރަހައްދުތައް އިންޓަނޭޝަނަލް ސްޓޭބަލައިޒޭޝަން ފޯސް (އައިއެސްއެފް) އާ ހަވާލުކުރަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމުގެ މަޝްވަރާތައް ފަށަންވާނެ ކަމަށްވެސް ޓްރަމްޕްގެ ހުށަހެޅުމުގައި ބުނެފައިވެ އެވެ. މީގެއިތުރުން ފަލަސްތީނުގެ ދައުލަތް ބިނާކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އިޒްރޭލާއި ފަލަސްތީނުގެ ސަލާމަތަށް އެމެރިކާ އިސްވެ އޮވެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ބެންޖެމިން ނަތަންޔާހޫ އިޒްރޭލް އިޒްރޭލް-ފަލަސްތީން އެމެރިކާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައްޒާ ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ