ހުޅަނގުގެ ފިއްތުންތަކާއެކު ޝަހީދުންގެ އާއިލާތަކަށް ދެމުން އައި ޚާއްޞަ އެލަވަންސް ޕްރޮގްރާމް އުވާލަން ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ނިންމަވައިފި އެވެ.
ރައީސް އައްބާސްގެ އަމުރުފުޅުގައި ވިދާޅުވެފައިވާ ގޮތުން، މީގެ ފަހުން ޝަހީދުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނީ އެހެން ފަލަސްޠީނު ރައްޔިތުންނެކޭ އެއްފަދައިން ”އިންސާފާއި ހަމަހަމަކަމުގެ އުސޫލުތަކާ އެއްގޮތަށް“ އާންމު ވެލްފެއަރ ނިޒާމުގެ ތެރެއިންނެވެ. ނަމަވެސް މި އެލަވަންސްތައް ވަގުތުން ހުއްޓާލެވޭނީތޯ ނުވަތަ އައު އުސޫލަކުން ކުރިއަށް ގެންދެވޭނީތޯ އަދި ސާފުކޮށް އެނގެން ނެތެވެ.
އަލްޖަޒީރާ އިން ރިޕޯޓްކުރާ ގޮތުގައި މި ނިންމެވުމާ ގުޅިގެން، އިޖްތިމާޢީ ތަރައްޤީގެ ވުޒާރާއިން ވަނީ ފަލަސްޠީނުގެ ޤައުމީ އިޤްތިޞާދީ ބާރުވެރިކުރުމުގެ މުއައްސަސާއަށް މި ފަންޑު ބަދަލުކުރުމަށް ހުށަހަޅުއްވާފަ އެވެ.
މި ނިންމެވުމާ ގުޅިގެން ހަމާސް ޖަމާޢަތުން ވަނީ ހަރުކަށި އިބާރާތުން ފާޑުކިޔާފަ އެވެ. ”ހައްޔަރުކުރެވިފައިވާ މީހުންނާއި، ޒަޚަމްވެފައިވާ މީހުންނާއި، ޝަހީދުންގެ އާއިލާތަކުގެ ޤުރުބާނީތައް އަގުވަޒަންކުރުމުގެ ބަދަލުގައި އެމީހުން ދޫކޮށްލުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން އެ ޤުރުބާނީތަކަށް އަގުވަޒަންކުރަން ޖެހޭ،“ ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މަހުމޫދު އައްބާސްއަކީ ހުޅަނގާ، އިސްރޭލްއާ ގާތްގުޅުންތަކެއް ބާއްވާކަމަށް ތުހުމަތުކުރެވޭ ވެރިއެކެވެ.
އެމެރިކާއިން މި ފަންޑަށް ކުރިން ވަނީ ފާޑުކިޔާފައެވެ. އެމެރިކާގެ ނަޒަރުގައި މިއީ އިސްރާއީލާ ދެކޮޅަށް ކުރާ ހަމަލާތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށް ބުނެ، މިއަށް ނިސްބަތްކުރަނީ ”މަރުގެ މުސާރަ“ ގެ ގޮތުގައެވެ. އަދި މި އެލަވަންސް ޕްރޮގްރާމާ ގުޅިގެން އިސްރާއީލުން ކުރިން ވަނީ ފަލަސްޠީނުގެ ޓެކްސް އާމްދަނީ ހިފަހައްޓައި އުނިކޮށްފަ އެވެ.
ރައީސް އައްބާސްގެ މި ނިންމެވުން އައިސްފައިވަނީ، ޣައްޒާ ހިންގުމަށް ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ފަރާތެއްގެ ގޮތުގައި ފަލަސްޠީނު އޮތޯރިޓީ ކުރިއަށް ނެރުމަށް މަސައްކަތްކުރަމުންދާ ނާޒުކު ދަނޑިވަޅެއްގަ އެވެ.
