އެމެރިކާއިން މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ އެވެ.
މި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހަމާސްއިން ހިފަހައްޓާފައި ތިބި އިސްރާއީލީ ރަހީނުން ދޫކޮށްލުމަށާއި، އިސްރާއީލީ ސިފައިން އެއްބަސްވެފައިވާ ހިސާބަކަށް އަނބުރާ ގެންދިއުމަށާއި، އިޒްރޭލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ ބައެއް މީހުން ދޫކޮށްލުމަށް ވަނީ އެއްބަސްވެފަ އެވެ.
އިޒްރޭލުން ގައްޒާއިން ފައިބާ ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވަނީ ހަނގުރާމަ ފެށިފަހުން 67،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލުމަށް ފަހު އެވެ. މި ހަނގުރާމަ ހުއްޓާލާފައި މިވަނީ ފަލަސްތީނުގެ ހައްގުގައި ދުނިޔޭގެ ގިނަ ގައުމުތަކަކުން އަޑު އުފުލަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ރަހީނުން ދޫކޮށްލުން ހޯމަ ދުވަހު ފެށިގެންދާނެ އެވެ. ނަމަވެސް މި އެއްބަސްވުމުގައި ހަމާސްގެ ހަތިޔާރު އަތުލުމާއި ޣައްޒާގެ މުސްތަގުބަލުގެ ވެރިކަމާ ގުޅޭ ބައެއް މުހިންމު ނުކުތާތަކަށް ޓްރަމްޕް ވާހަކަ ދައްކަވާފައެއް ނުވެ އެވެ.
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވީ މިއީ އިސްރާއީލަށް ލިބުނު ”ޑިޕްލޮމެޓިކް ކާމިޔާބީއަކާއި ގައުމީ ނަސްރެއް“ ކަމަށެވެ. ހަމާސްއިން ވަނީ މި އެއްބަސްވުން ހާސިލުކުރުމުގައި މެދުވެރިންގެ ގޮތުގައި މަސައްކަތްކުރި ގަތަރު، މިސްރު އަދި ތުރުކީއަށް ޝުކުރު އަދާކޮށްފަ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް މި އެއްބަސްވުމަށް މަރުހަބާ ކިޔުއްވައި، މިއީ ދެ ދައުލަތުގެ ހައްލަކަށް ވާސިލުވުމަށް ލިބުނު ”މުހިންމު ފުރުސަތެއް“ ކަމުގައި ވިދާޅުވި އެވެ. އިސްރާއީލްގެ ސަލާމަތީ ކެބިނެޓުން މިއަދު ބައްދަލުވުމެއް ބާއްވައި، ހަމާސްއިން ހުށަހަޅާފައިވާ ދޫކޮށްލަން އެދޭ ފަލަސްތީނު ބަންދީންގެ ލިސްޓާއި އެއްބަސްވުމުގެ އެހެނިހެން ކަންކަން ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އެއްބަސްވުން އިއުލާންކުރުމަށްފަހުވެސް، އިސްރާއީލީ ސިފައިން ޣައްޒާގެ އުތުރާއި ދެކުނުގައި ހަމަލާތަކެއް ދީފައިވެ އެވެ. އިސްރާއީލްގެ ސިފައިންގެ އިސް ވެރިޔާ އެޔަލް ޒަމީރު ވިދާޅުވެފައިވަނީ މި އެއްބަސްވުމަށް މަރުހަބާ ކިޔާ ކަމަށާއި، ކޮންމެ ހާލަތަކަށްވެސް ތައްޔާރަށް ތިބުމަށް ސިފައިންނަށް އަންގާފައިވާ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ގައްޒާގައި އަންނަނީ އުފާ ފާޅު ކުރަމުންނެވެ.
ހަމާސް އަނިޔާވެރި އިސްރާއީލް އިޒްރޭލް ފަލަސްތީން ގައްޒާ ގައްޒާ ހަނގުރާމަ