އދ. ގެ ޖެނެރަލް އެސެމްބްލީގެ ޖަލްސާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު ދިވެހި ވަފުދުން ޖަލްސާ ކުރާ މާލަން ދޫކޮށް ގޮސްފައިވާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ދިވެހިރާއްޖެއިން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ސަތޭކައަށްވުރެ ގިނަ ޤައުމުތަކުގެ ވަފުދުތައްވެސް ވަނީ ޖަލްސާ ދޫކޮށް ވަޑައިގެންފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ވާހަކަ ދައްކަން ފެށި ވަގުތު، ޖަލްސާކުރާ މާލަމުގައި ތިބީ މަދު ޢަދަދެއްގެ ވަފުދުތަކެވެ. ގިނައިން ތިބީ އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ވަފުދުތަކެވެ.
އިރާނުގެ ވަފުދުން ވަނީ މި އަހަރުގެ ކުރީކޮޅު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރާނަށް ދިން ޙަމަލާތަކުގައި ޝަހީދުވި އިރާނުގެ ކުޑަކުދިންގެ ފޮޓޯތައް އެ ވަފުދުގެ މޭޒު މަތީ ބަހައްޓަވާފަ އެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ މައްސަލާގައި ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކުރަމުންނެވެ. އަދި އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާވެރި ޢަމަލުތައް ރާއްޖެއިން އަބަދުވެސް ދަނީ ކުށްވެރިކުރަމުންނެވެ.
ރާއްޖެ - އދ ރާއްޖެ - ފަލަސްތީން ބެންޖެމިން ނަތަންޔާހޫ އދ އިޒްރޭލް ފަލަސްތީން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް