ދުނިޔޭގެ މަޝްހޫރު ބްރިޓިޝް ޕޮޕް ތަރި އެޑް ޝީރަން، އިންޑިއާގެ ބެންގަލޫރު ސިޓީގެ ޗާޗް ސްޓްރީޓްގައި ލަވަކިޔަން އުޅުމުގެ ތެރޭގައި، އާދީއްތަ ދުވަހު ފުލުހުން އެކަން ހުއްޓުވާލައިފި އެވެ. މިއީ އެ ސިޓީގެ މީހުން ގިނައިން އެއްވެ އުޅޭ ޝޮޕިންގ އަދި މުނިފޫހިފިލުވުމުގެ ސަރަޙައްދެކެވެ.
ފުލުހުންގެ އޮފިސަރަކު އެޑް ޝީރަންގެ މައިކްރޯފޯނު ނައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ވަނީ އެކި ސޯޝަލް މީޑިއާތަކުގައި ވައިރަލްވެފަ އެވެ. ”އެ ސަރަޙައްދުގައި ތޮއްޖެހުން އުފެދުނަ ނުދިނުމަށްޓަކައި، އެ މަގުގައި ލަވަކިޔުމަށް އެޑް ޝީރަންގެ ޓީމުން ހުށަހެޅި ހުށަހެޅުން ވަނީ ބޭރުކޮށްލެވިފައި“ ކަމަށް އޭ.އެން.އައި ނިއުސް އޭޖެންސީއަށް އޮފިޝަލުން މަޢުލޫމާތު ދީފައިވެ އެވެ.

އެހެންނަމަވެސް، ޝީރަން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ތަނުގައި ލަވަކިޔުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި، އެއީ ކުރިން ރޭވިފައިވާ ކަމެއް ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން މައްސަލައެއް ނެތް ކަމަށާއި، އެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސަރޓުގައި ބައްދަލުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން، އިންޑިއާގެ އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ވަނީ ތަފާތު ޚިޔާލުތައް ފާޅުކޮށްފައެވެ. ގިނަ ބަޔަކު ފުލުހުންގެ ޢަމަލަށް ފާޑުކިޔާފައިވާއިރު، ވެރިކަންކުރާ ބީޖޭޕީ ޕާޓީގެ ލޯކަލް އެމްޕީ ޕީސީ މޯހަން ވަނީ ”ދުނިޔޭގެ ފެންވަރުގެ ތަރިންވެސް ލޯކަލް ގަވާއިދުތަކަށް ތަބާވާންޖެހޭނެ“ ކަމަށް ބުނެފަ އެވެ.
ޝީރަން މިހާރު ވަނީ ވިދިވިދިގެން ދެވަނަ އަހަރަށް އިންޑިއާގައި 15 ދުވަހުގެ ޓުއަރއެއްގައެވެ. މި ޓުއަރގެ ތެރޭގައި އޭނާ ވަނީ ޕޫނޭ، ހައިދަރާބާދު އަދި ޗެންނައިގައި ޕަރފޯމްކޮށްފައެވެ. އަދި އިތުރު ކޮންސަރޓްތައް ޝިލޯންގ އަދި ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ބެންގަލޫރުގައި ބޭއްވުނު އޭނާގެ ކޮންސަރޓުގައި، ޝީރަން ވަނީ ފޭނުންނަށް ޚާއްޞަ ޕަރފޯމަންސްއެއް ދައްކާފަ އެވެ. އެގޮތުން އޭނާ ވަނީ ލޯކަލް ދެ ހިޓް ލަވައެއް ޓެލޫގޫ ބަހުން ލަވަކިޔުންތެރިޔާ ޝިލްޕާ ރާއޯއާއެކު ސްޓޭޖުގައި ކިޔާފަ އެވެ.
މީގެ އިތުރުން، އެޑް ޝީރަން ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖިތް ދޮސަންޖުއާއެކު ބާމިންގްހަމްގައި ބޭއްވުނު ކޮންސަރޓެއްގައިވެސް މަސައްކަތްކޮށްފަ އެވެ. މިއީ އިންޑިއާގެ ސަގާފަތަށް އޭނާ ދޭ އިޙްތިރާމުގެ ނިޝާނެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.