ޔަމަނުގެ ވެރިރަށް ސަނާގައި ހުންނަ ސަނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފި އެވެ. މި ހަމަލާ ދިން ވަގުތަކީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޯމް ގެބްރެޔެސަސް އެ އެއަރޕޯޓުގައި އިންނެވި ވަގުތެވެ.
ޑރ. ޓެޑްރޯސް ވިދާޅުވި ގޮތުގައި، އޭނާއާއި އދ. އާއި ޑަބްލިއުއެޗްއޯގެ މުވައްޒަފުން ފްލައިޓަކަށް އަރަން އުޅުނު ވަގުތު ކުއްލިއަކަށް އެއަރޕޯޓަށް ވައިގެ ހަމަލާއެއް އައެވެ. މި ހަމަލާގައި އޭނާގެ ފްލައިޓުގެ ކުރޫ މެންބަރަކަށް އަނިޔާވެފައިވާ ކަމަށާއި، މަދުވެގެން ދެ މީހަކު އެއަރޕޯޓުގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
”އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ޑިޕާޗަރ ލައުންޖް – އަހަރެމެން ތިބި ތަނާ ހަމައެކަނި މަދު މީޓަރެއް ދުރުގައި – އަދި ރަންވޭއަށް ގެއްލުން ލިބުނު،“ ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މި ހަމަލާތައް ކަށަވަރުކުރައްވައި، ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ މިއީ އީރާނުގެ ޓެރަރިސްޓް ބާރު ކަނޑާލުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށެވެ. މި ހަމަލާއަކީ ވޭތުވެދިޔަ ހަފްތާ ބަންދުގައި ހޫތީންގެ ފަރާތުން ދޫކޮށްލި މިސައިލެއް ޓެލް އަވީވްގެ ކުޅޭ ބިމަކަށް އަމާޒުވެ، 16 މީހުންނަށް އަނިޔާވުމަށްފަހު އައި ކަމެކެވެ.
އިޒްރޭލުގެ ސިފައިން ބުނެފައިވަނީ ބުރާސްފަތި ދުވަހު އީރާނާ ގުޅުންހުރި ހޫތީ ހަރަކާތާ ގުޅިފައިވާ ގިނަ އަމާޒުތަކަކަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ސަނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ހުޅަނގު އައްސޭރިފަށުގައިވާ ތިން ބަނދަރު ހިމެނެ އެވެ.
ހޫތީންގެ ބެލުމުގެ ދަށުން ހިންގާ ލޯކަލް ނިއުސް އައުޓްލެޓް އަލް މަސީރާ ޓީވީން ބުނެފައިވަނީ އެއަރޕޯޓަށް ދިން ހަމަލާތަކުގައި ދެ މީހަކު މަރުވިކަމަށާއި، ބަނދަރުތަކަށް ދިން ހަމަލާތަކުގައި އެއް މީހަކު މަރުވި ކަމަށެވެ. އަދި މި ހަމަލާތަކުގައި އިތުރު 11 މީހުންނަށް އަނިޔާވިކަމަށް އެ ޓީވީން އިތުރުކޮށްފައިވެ އެވެ.
ޑރ. ޓެޑްރޯސް ވިދާޅުވީ އޭނާއާއި އޭނާގެ އެކުވެރިން ރައްކާތެރިކަމާއެކު ތިބިކަމަށާއި، މަރުވި މީހުންގެ ޢާއިލާތަކަށް ހިތުގެ އަޑިން ހިތާމަ ފާޅުކުރައްވާ ކަމަށެވެ.