ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހައްޔަރުކުރުމަށް ބަންގްލަދޭޝް ކޯޓަކުން އަމުރެއް ނެރެފި އެވެ.
ބީބީސީ އިން ރިޕޯޓްކުރި ގޮތުގައި ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް (އައިސީޓީ) އިން ހަސީނާ ހޯދަމުންދަނީ ”އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގައި“ ބައިވެރިވި ކަމަށް ބުނެ އެވެ. ހަސީނާ ގޮތަށް ގައުމުން ބޭރަށް ފިއްލަވައިގެން ދިޔަ އިތުރު 45 މީހުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ކުރީގެ ވަޒީރުން ވެސް ހިމެނެ އެވެ.
ނޮވެމްބަރު 18 ގައި ހަސީނާ ކޯޓަށް ހާޒިރުކުރުމަށް އަމުރުގައި ވެއެވެ. ހަސީނާ މިވަގުތު ހުންނެވީ އިންޑިއާގަ އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހަސީނާ އިންޑިއާއަށް ފިލައިގެން ދިޔައީ ޖުލައި 16 އިން ފެށިގެން ސަރުކާރާ ދެކޮޅަށް ހަފްތާތަކެއް ވަންދެން ކުރިއަށް ގެންދިޔަ މުޒާހަރާތަކެއްގައި 1000 މީހުން މަރުވުމަށްފަހު އެވެ. ހަސީނާ އިންޑިއާއަށް ވަޑައިގަތުމުން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރާއި އިންޑިއާ އާއި ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. މި މައްސަލައިގައި މިހާރު ބަންގްލަދޭޝްއިން ވަނީ ހަސީނާ އެގައުމަށް އަނބުރާ ފޮނުވުމަށް އިންޑިއާއަށް އެދިފަ އެވެ. އެއާއެކު، ހަސީނާ ވަނީ އެހެން ގައުމުތަކުން ޕޮލިޓިކަލް އެސައިލަމް (ސިޔާސީ ހިމާޔަތް) ހޯއްދަވަން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެ މަސައްކަތްތައް މިހާތަނަށް ކާމިޔާބުވެފައި ނުވެ އެވެ.
ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އިންޑިއާއަށް ވަަޑައިގަތީ ޖުލައި މަހުގެ ފަހުކޮޅު ބަންގްލަދޭޝް ޔުނިވާސިޓީތަކުގެ ދަރިވަރުން ކުރި މުޒާހަރާތަކެއްގައި ގިނަ އަދަދެއްގެ މީހުންނަށް ސިފައިންގެ ހަމަލާ އަމާޒުވެފައިވަނިކޮށެވެ. އެ މައްސަލައިގައި ބަންގްލަދޭޝްގެ އާންމުން ވަނީ ހަސީނާގެ ރިޔާސީ ގެކޮޅަށް ވަދެ، އޭނާ އިންޑިއާއަށް ފިއްލެވުމަށް މަޖުބޫރު ކުރައްވާފަ އެވެ.
