ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މެރުމަށް ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް (އައިސީޓީ) އިން މިއަދު ހުކުމް ކޮށްފި އެވެ.
ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލްއިން ހަސީނާގެ އިތުރުން ހަސީނާގެ ސަރުކާރުގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލް ވެސް މެރުމަށްވަނީ ހުކުމް ކޮށްފަ އެވެ.
ހަސީނާ މެރުމަށް ކްރިމިނަލް ޓްރައިބިއުނަލް އިން ހުކުމްކުރީ، ހަސީނާގެ ސަރުކާރާއި ދެކޮޅަށް މިދިޔަ އަހަރު މުޒާހަރާކުރި ދަރިވަރުން ގަޔަށް ބަޑިޖަހާ މެރި މައްސަލައިގައި ހިންގި ޝަރީއަތަށްފަހު އެވެ.
އިންޑިއާއިން ހިމާޔަތް ހޯދައިގެން އެގައުމުގައި ހުރި ހަސީނާގެ މައްޗަށް މި މައްސަލައިގައި ކޮށްފައިވަނީ އިންސާނިއްޔަތާއި ދެކޮޅު ޖަރީމާގެ ދައުވާ [ކްރައިމް އެގެންސްޓް ހިއުމޭނިޓ] އެވެ. ހަސިނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ މަރަން ހުކުމް ކުރީ މުޒާހަރާ ހުއްޓުވުމަށް ހަސީނާ ކުރި އަމުރުތަކުގެ ސަބަބުން އެތައްބަޔެއްގެ ފުރާނަގޮސް، އަދި އެކަން ހުއްޓުވުމަށް ފިޔަވަޅު ނޭޅުމުގެ ސަބަބުންނެވެ. އަދި ހަސީނާގެ އަމުރަށް ޑްރޯން، ހެލިކޮޕްޓަރ އަދި ހަތިޔާރު ބޭނުންކޮށްގެން ދިން ހަމަލާތަކުގައި މުޒާހަރާގެ ބައިވެރިން މަރުވެފައިވާތީ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.
ޓްރައިބިއުނަލްގައި ކުރިއަށްދިޔަ ޝަރީއަތްތަކުގައި ޕްރޮސިކިއުޓަރު ބުނެފައިވަނީ، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރުމަށް ހަސީނާ އަމުރު ކުރިކަމުގެ ހެކި ހުރި ކަމަށެވެ.
މީގެއިތުރުން އިތުރު ތިން ދައުވާއެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމްވެސް ހަސީނާގެ މައްޗަށް އިއްވާފައިވެ އެވެ. އެއީ މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، އެމީހުން މެރުމަށް އަމުރު ނެރުމާއި، އަނިޔާވެރިކަން ހުއްޓުވައި، އެމީހުންނާ ދެކޮޅަށް ނެރުނު ފިޔަވަޅުތައް ހުއްޓުވާފައި ނުވާތީ އެވެ.
މި މައްސަލައިގައި ހަސީނާގެ ސަރުކާރުގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލްގެ މައްޗަށް އިންސާނިއްޔަތާއި ދެކޮޅު ޖަރީމާގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ މެރުމަށް ހުކުމް ކުރިއިރު، އޭރުުގެ ޕޮލިސް ކޮމިޝަނަރުގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭނާގެ މައްޗަށް ކުޑަ ހުކުމެއް ޓްރައިބިއުނަލުން އިއްވީ، މި މައްސަލަ ރަނގަޅަށް ބެލުމުގައި އޭނާގެ ފަރާތުން ލިބުނު އެއްބާރުލުމާއި، ހެކި ފޯރުކޮށްދިނުމާ ގުޅިގެންނެވެ.
އ.ދގެ ކަމާބެހޭ ރިޕޯޓުތައް ބުނާގޮތުން 2024 ޖުލައި 15 އިން އޮގަސްޓް 5 ގެ ނިޔަލަށް ބަންގްލަދޭޝްގައި ކުރި މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ބަޑިޖަހާ ދިން ހަމަލާތަކުގެ ސަބަބުން 1400 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ބަޑީގެ ހަމަލާތަކުގެ ސަބަބުން އެތައް ހާސްބަޔަކު ޒަހަމްވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
