ކޮންގޯގައި އެއް ހަފްތާ ތެރޭގައި 1030 އެމްޕޮކްސް ކޭސް ފެނިއްޖެ އެވެ.
މިދިޔަ ހަފްތާ ތެރޭގައި މުޅި އެފްރިކާގައި ރިޕޯޓްކުރި 1405 އެމްޕޮކްސް ކޭސްތަކުގެ ތެރޭގައި ކޮންގޯއިން ރިޕޯޓްކުރި 1030 އެމްޕޮކްސް ކޭސް ހިމެނެ އެވެ.
މިއީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ރިކޯޑްކުރެވުނު އަދަދުތަކެވެ. އެފްރިކާގައި ހިމެނޭ 56 ގައުމެއްގެ ތެރެއިން 45 ގައުމަކުން މިހާރު އެމްޕޮކްސް ފެނިފައިވެ އެވެ.
މުޅި އެފްރިކާ ބައްރުގައި ރިޕޯޓްކުރި 18،910 ކޭސްތަކުގެ ތެރެއިން 94 އިންސައްތަ ކޭސް ރިޕޯޓްކޮށްފައިވަނީ ކޮންގޯއިން ނެވެ. މި ބަލީގައި އެފްރިކާގެ 541 މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން 535 މީހުންނަކީ ކޮންގޯއިން ބަލި ޖެހުނު މީހުން ނެވެ.
ކޮންގޯގައި މިހާރު ވަނީ މި ބަލީގެ އާ ވޭރިއެންޓެއް ފެތުރެން ފަށާފަ އެވެ. އެފްރިކާއަށް މިހާރު ވަނީ އެމްޕޮކްސްގެ 3 މިލިއަން ޑޯޒް ބޭނުންވެފަ އެވެ.
ހުޅަނގުގެ ގައުމުތަކުގައި އެމްޕޮކްސްގެ ވެކްސިންތައް ތިބި ނަމަވެސް، މި ބަލީގެ ވެކްސިންތައް އެފްރިކާގައި ނެތްކަމަށް އެ ބައްރުގެ ލީޑަރުން ފާހަގަކޮށްފައިވެ އެވެ. އަދި ކޮވިޑް-19 ގެ ދުވަސްވަރުވެސް އެފްރިކާއަށް ވަރަށް ބޮޑަށް އަސަރުކުރިއިރު ހުޅަނގުގެ ގައުމުތަކުން އެކަމަށް އަޅާނުލިކަން ފާހަގަކުރެ އެވެ. އެމްޕޮކްސްގެ ވެކްސިނަކީ ވަރަށް އަގުބޮޑު ވެކްސިނަކަށްވާހިނދު އެފްރިކާގެ ގިނަ ގަުއުމުތަކަށް ވެކްސިން ގަނެވޭނެ ފެންވަރެއް ނެތް ކަންވެސް ފާހަގަކޮށްލަންޖެހެ އެވެ.
ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއް ގޮތުގައި އިއުލާންކޮށްފައި ވެއެވެ.
މި ވައިރަލް އިންފެކްޝަން ހަލުވިކަމާއެކު ފެތުރެމުންދާ ކޮންގޯއާއި ކައިރީގައިވާ އެހެން ގައުމުތަކަށް މިހާރު މި ބަލި ފެތުރިފައިވާ ކަމަށް އެފްރިކާ ސެންޓާސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނެފައި ވެއެވެ. 1970 ވަނަ އަހަރު މި ބަލި އެންމެ ފުރަތަމަ އިންސާނެއްގެ ގައިން ފެނިފައިވަނީވެސް ކޮންގޯއިން ނެވެ.
މަންކީ ޕޮކްސްގެ އަލާމާތްތަކަކީ ލިމްފް ނޯޑްސް ދުޅަވެ، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހިި ނެގުމެވެ. މި ބަލި ޖެހޭ ބައެއް މީހުން މަރުވުން އެކަށީގެންވެ އެވެ. އަދި މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބަލިއެކެވެ. މިއީ ގައިންގަޔަށް އަރާ ބަލިއެއްވެސް މެއެވެ.