ފިލިޕީންސް އިން މަންކީޕޮކްސްގެ ކޭސްއެއް ފެނިއްޖެ އެވެ.
އެންމެ ފަހުން ފިލިޕީންސްއިން މަންކީޕޮކްސްގެ ކޭސްއެއް ފެނުނީ ނިމިދިޔަ ޑިސެމްބަރު މަހުގަ އެވެ.
މިފަހަރު މަންކީޕޮކްސްއަށް ޕޮޒިޓިވްވެފައިވަނީ ފިލިޕީންސްގެ ރައްޔިތެކެވެ. 33 އަހަރުގެ އެ ފިރިހެންމީހާ އެއްވެސް ތަނަކަށް ދަތުރުކުރިކަމަށް އެނގިފައިނުވާ ކަމަށް ފިލިޕީންސްގެ ހެލްތް ޑިޕާޓްމެންޓުން ބުނެފައިވެ އެވެ.
ފިލިޕީންސްގައި އެމް-ޕޮކްސްގެ ފުރަތަމަ ވޭދަނައެއް ފެނުނީ ޖުލައި 2022 ގަ އެވެ. މިއީ ފިލިޕީންސްއިން ފެނުނު 10 ވަނަ ލެބޯޓްރީ-ކޮންފާމްޑް އެމްޕޮކްސް ކޭސް އެވެ.
ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއް ގޮތުގައި އިއުލާންކޮށްފައި ވެއެވެ.
މި ވައިރަލް އިންފެކްޝަން ހަލުވިކަމާއެކު ފެތުރެމުންދާ ކޮންގޯއާއި ކައިރީގައިވާ އެހެން ގައުމުތަކަށް މިހާރު މި ބަލި ފެތުރިފައިވާ ކަމަށް އެފްރިކާ ސެންޓާސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނެފައި ވެއެވެ. 1970 ވަނަ އަހަރު މި ބަލި އެންމެ ފުރަތަމަ އިންސާނެއްގެ ގައިން ފެނިފައިވަނީވެސް ކޮންގޯއިން ނެވެ.
މަންކީ ޕޮކްސްގެ އަލާމާތްތަކަކީ ލިމްފް ނޯޑްސް ދުޅަވެ، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހިި ނެގުމެވެ. މި ބަލި ޖެހޭ ބައެއް މީހުން މަރުވުން އެކަށީގެންވެ އެވެ. އަދި މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބަލިއެކެވެ. މިއީ ގައިންގަޔަށް އަރާ ބަލިއެއްވެސް މެއެވެ.